English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ހުރިހާ މައުލޫމާތާއި ލިޔެކިޔުންތަކަކީ ހައުސިން މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށާއި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނާއި ގުޅިގެން ފްލެޓް ލިސްޓު ފަދަ މުހިއްމު ލިޔެ ކިޔުންތައް ގެއްލިދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެރުނު ބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ހާދިސާގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައިނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ވަނީ މި ހާދިސާއާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށް ބުނެފައެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރާނެ ވާހަކަވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.