English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު އޭސީސީގެ ނައިބު ރައީސްގެ ގޮތުގައި އަބްދުލް ސަލާމް އާއި މެންބަރެއްގެ ގޮތުގައި ތޯހާ މުހައްމަދަށް ރައްޔިތުންގެ މަޖިލީހުން ބޮޑެތި ތުހުމަތުތަކެއްކޮށް އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާ، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމަށް ތައްޔާރުވަމުން ދަނިކޮށް މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެ ދެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން މިއަދު ކުރި އިއުލާންގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ މެންދުރު 12:00ގެ ކުރިން ކަމާ ގުޅޭ ލިޔުންތަކާ އެކު ފޯމު ހުށަހެޅުމަށް އެދިފައެވެ.

އޭސީސީގައި މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލާއި މެންބަރުން ކަމަށްވާ ޝިޔާމާ މުހައްމަދުގެ އިތުރުން ޝަޒްނާ ހާޝިމެވެ.