English Edition
Dhivehi Edition

ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލްކުރި މައްސަލައިގައި މިމަހުގެ 13ވަނަ ދުވަހު ހައްޔަރުކުރި ފުލުސް މީހާ އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު، 19 އެވެ. އޭނާއަކީ މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެކެވެ.

ބްލެކްމެއިލްގެ ތުހުމަތުކޮށް ޒައިދާން ހައްޔަރުކުރީ މި މަހު 14 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް މަތިވެރި މެޖިސްޓްރޭޓް ކޯޓުން ކުރިން ދިން މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އިތުރު 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އިންޒާރުދީ، ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ބްލެކްމެއިލް ކުރުމުގެ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހެކީގެ ގޮތުގައި ތަހުގީގީ ބަޔާންތަކާއި އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ އަތުގައި ހުރި ފޮޓޯތައް ލީކުކޮށްލައި، ބިރު ދެއްކުމުގެ ކަންކަން ހިންގާފައިވާކަން އެނގޭނެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެ މައްސަލާގައި އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށާއި އެކަމަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

އެ މައްސަލާގައި މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ދިފާއުން އެދިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް މީހަކު ޖާމިނުކޮށް ދޫކޮށްދިނުމަށް އެދިފައިވާ ފޯމު ފުރިހަމަނުވާ ކަމަށާއި، ޝަރުތު ފުރިހަމަވާކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާ ކަަމށް އެ އަމުރުގައިވެއެވެ.

.