English Edition
Dhivehi Edition

ފުރުގާނު މިސްކިތުގެ ޚަތިމުތައް އުކާލާ، އާދިއްތަ ދުވަހުގެ ފަތިހު މިސްކިތައް ގެއްލުންދީފިއެވެ.

ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފައި ވާކަމަށެވެ.

މާލޭގެ އަމީނީ މަގުގައި ހުންނަ މި މިސްކިތައް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާ ގައި ވަނީ އާންމު ވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މިސްކިތުގެ ކަރަންޓު ބޯޑު ތަކަށާއި، އިސްކުރުބަރި އަށް ގެއްލުން ދީފައިވެއެވެ.

ޝެއިޙް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރޭ ފަތިސް ނަމާދުގެ ކުރިން ފުރުޤާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެ ގޮތުން، ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

.އޭނާ ވިދާޅުވީ، މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް މީނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޒުވާނާއާ މެދު ފިޔަވަޅު ނާޅާތީ ނިޝާން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިސްކިތްތަކުން ވައްކަންކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.