English Edition
Dhivehi Edition
ކުޑަކުދިންގެ ހިޔާ - ފޮޓޯ: ކުޑަކުދިންގެ ހިޔާ

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދުރު ރާސްތާއެއް ބިނާކޮށް އެކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފާއިތުވި އެއް އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އިޖުތިމާޢީ ބައިކަމަށް ދެކި، އަދި އެއީ އެކުދިންގެ ރައްކާތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީޢީ މާޙައުލުކަމަށް ދެކި، އެކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވެން އޮންނަ ހާލަތްތަކުގައި އެ ކުދިންގެ ޢާއިލާއަށް އަނބުރާ ފޮނުވުމަށް ޚާއްސަ އިސްކަމެއް ދީގެން، ގިނަ މަސައްކަތްތަކެއް ކުރިވިފައިވާ ކަމަށެވެ.

ޢާއިލާއަށް އަނބުރާ ފޮނުވެން ނެތް ހާލަތްތަކުގައި ފޮސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ފޮސްޓަރކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ބުނީ ވަގުތީ ފޮސްޓަރިންގ ދަށުން ކުދިން ފޮސްޓަރކުރުމުގެ އުސޫލުތައްވަނީ ކަނޑައެޅި، ވަގުތީ ހާލަތެއް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެދަށަށް ނެގޭ ކުދިންނަށް އެކުދިން ޢާއިލާއަށް އަނބުރާ ރުޖޫއަވެންދެން ޢާއިލީ މާހައުލެއް ހޯދައިދިނުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ފޮސްޓަރިން ނިޒާމުގެ ތެރެއިން ވަގުތީގޮތުން ކުދިން ފޮސްޓަރކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މުޖުތަމަޢުއަށާއި ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، އާންމު ތިން ފަރާތަކުން ވަގުތީ ފޯސްޓަރިން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުދިންގެ ތެރެއިން 17 ނޮވެމްބަރ 2023 އިން ފެށިގެން މިއަދުގެ ނިޔަލަށް 50 ކުއްޖަކަށް ޢާއިލީ ވެއްޓަކަށް ރުޖޫޢަވެ ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދެވި، 25 އިތުރު ކުއްޖަކަށް މިފުރުޞަތު ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަން ވަނީ ފާހަގަކޮށްފައެވެ.