English Edition
Dhivehi Edition
ކުޅުދުއްފުށި އޮންލައިން

ިހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްފަހު، ހޮސްޕިޓަލް ހިންގުމާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ހދ. ކުޅުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުނިން ބުނެފި އެވެ

މިކަމާއި ގުޅިގެން ނޫރުލް އިސްލާމް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަނޑައެޅިފައިވާ އަމާޒުތަކަށް ވާސިލުވުމަށް ބައެއް ހުރަސްތައް ކުރިމަތިވިކަމަށާއި އެހެންނަމަވެސް އެ ހުރަސްތައް ގިރާކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރެވެމުން ދާކަމަށެވެ.މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ މަސައްކަތްތައް ނިންމުމަށް ލިބެންޖެހޭ އެއްބާރުލުން ދިވެހި ހިއްސާދާރުންގެ ފަރާތުން ލިބިފައިނުވާކަމަށާއި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އުނދަގޫތަކެއް ކުރިމަތިވެފައިވަނީ ހިއްސާދާރުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުވެފައިވުމުން ކަމުގައެވެ

ކުޅުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލް ފެންވަރަށް ތަރައްގީކޮށް ހިންގަން ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވީ ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ހެލްތް މިނިސްޓްރީއިން ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލުގެ ހިންގުމާ ހަވާލުވެފައެވެ

ނޫރުލް އިސްލާމް ކުންފުންޏަކީ، އިންޑިއާގެ ނިމްސް ކުންފުންޏާއި ދިވެހި ހިއްސާދާރަކު ހިމެނޭ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާއ ހާވާލުކުރީ 2017 ވަނަ އަހަރު ޖުލައިމަހުގެ ތެރޭގައެވެ