English Edition
Dhivehi Edition

ސީރިއާގައި ހިންގަމުންދާ ދާހިލީ ހަނގުރާމައިގައި، އެގައުމުގެ ދެކުނުން އޮންނަ ރަށެއްކަމަށްވާ ‘ދެރައާ’ ގައި ހަމަލާ ބަދަލުކުރުން ސީރިއާ އަސްކަރީއްޔާއިން މަޑުޖައްސާލައިފިއެވެ. ހޮނިހިރު ދުވަހުގެ މި ނިންމުމަކީ 48 ގަޑިއިރަށް ދެމިގެންދާނެ ނިންމުމެކެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ ‘ސަނާ’ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އަސްކަރީއްޔާއިން ބުނެފައިވަނީ މިއީ ސުލްހައިގެ މަޝްވަރާތަކަށް ޖާގަ ދިނުމަށް ނިންމި ނިންމުމެކެވެ. ސީރިއާގެ އަސްކަރީއްޔާގެ މި ނިންމުން އައިސްފައި މިވަނީ ޔޫއެން އިން ވެސް ސުލްހައިގެ މަޝްވަރާގެ މޭޒުދަށަށް އައުމަށް ހުރިހާ ކޮޅަކަށް ގޮވާލި ދުވަހުއެވެ. ޔޫއެންގެ މި މަޝްވަރާ ތައް ކުރިއަށް ދަނީ 10 ޖުލައިގައި ޖެނިވާގައެވެ. މީގެ އިތުރުން ރަޝިއާއިންދަނީ ކަޒަކިސްތާނުގެ ވެރިކަންކުރާ ރަށް އަސްތަނާގައި ޖުލައި މަހުގެ 4 އަދި 5 ގައި މަޝްވަރާ ތަކެއް ބޭއްމަށް ދަނީ ތައްޔާރު ވަމުންނެވެ. ސީރިއަން އޮބްސަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ ހަމަލާ ބަދަލު ކުރަން ނިންމާފައިވާ ގަޑީގެ 7 ގަޑި އިރު ފަހުންވެސް ހަމަލާ ދިނުން ކުރިއަށް ދިޔަކަމަށެވެ. އަދި އޭގެ ފަހުން އަޑު މަޑު ވެފައިވާ ކަމަށް އެތަނުން ބުނެއެވެ. މިދިޔައަހަރު ބައްޝާރުލް އަސަދުގެ ސަރުކާރުން ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ހުޅުވާލުމުން، އިދިކޮޅު ޖަމާއަތްތަކާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް ވަނީ މަދުވެފައެވެ. ސީރިއާގެ ދާހިލީ ހަނގުރާމައިގައި އެތައްހާސް ބަޔަކު މަރުވެ 11 މިލިއަން މީހުން ވަނީ ގެދޮރު ނެތިފައެވެ.