ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެކަމަށް ލަފާކޮށް މެދުތެރޭގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ, ބ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. މި ސަމާލު ނެރުނީ، މިރޭ 9:45 އިން ފެށިގެން މެންދަމު 2:00އާ ހަމައަށެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު އެ އިދާރާއިން ވަނީ އާދީއްތަ ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ދަންވަރު 2:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
މެޓުން ވަނީ މި އަތޮޅުތަކަށް ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި މިހާރުވެސް ފެންބޮޑުވެފައިވާތީ ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހު އަލިވާނެކަމަށެވެ.