English Edition
Dhivehi Edition
މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ތަޢުލީމީ ނިޒާމުގައި އުފެއްދުންތެރިކަމާއި މުޙިއްމު މައްސަލަތަށް ހައްލުކުރުމުގެ ވިސްނުން ހިމަނަންޖެހޭކަމަށް މިނިސްޓަރު ޑރ.މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ޕެރިސްގައި ބޭއްވި 6 ވަނަ “ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން” ސަމިޓްގައި މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމް ހާޞިލުކުރުމަށް މަސައްކަތްކުރާއިރު، ދަރިވަރުންނަށް ތަފާތު އެކި ދާއިރާތަކާއި ގުޅޭ ދިރާސާ އަދި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ. އަދި މިއީ އެކި ދާއިރާތަކުގެ މައްސަލަތަށް ހައްލުކުރުމަށް ޢަމަލީ މަސައްކަތްކުރުމަކީ ދަރިވަރުންނަށް އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ތަޢުލީމީ ނިޒާމުގައި ހިމެނުމަށް ލެކްޗަރާއިންނަށް އެކަށިގެންވާ ތަމްރީނާއި ބޭނުންވާ ވަޞީލަތްތަށް ފޯރުކޮއްދޭން ޖެހޭކަމަށެވެ.

ދަރިވަރަކު މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދާއިރާއަކާއި ގުޅޭ ބޮޑެތި މައްސަލަތަށް ހައްލުކުރުމާމެދު މަޝްވަރާކޮށް، އެކި ދަރިވަރުންގެ މެދުގައި ބަހުސްކޮށް، ޚިޔާލުފާލުކުރުމުގެ އިތުރުން އެ ދާއިރާއަކާއި ގުޅޭ ޢަމަލީ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުވެ، ބޮޑެތި މައްސަލަތަށް ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމެއް

މިނިސްޓަރ އިތުރަށް ވިދާޅުވީ މަތީ ތަޢުލީމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ސައިންސް އަދި ސޯޝަލް ސައިންސް ފަދަ އެކި މާއްދާތަކުގައި، އަސްލު ދިރިއުޅުމުގައި ދިމާވާއެކި ކަންކަމަށް ހައްލު ހޯދުމަށް ދަރިވަރުންނަށް ޕްރޮޖެކްޓްތަށް ހަވާލުކުރެވިދާނެކަމަށެވެ. އެގޮތުން،ދެމެހެއްޓެނެވި ތަރައްޤީ ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދިރާސާކުރުމާއި ތާރިހުގައި ހިނގައި ދިޔަ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ބަހުސްކުރުން ފަދަ ކަންކަން ތަޢުލީމީ ނިޒާމުގައި ހިމެނުމަކީ އުފެއްދުންތެރި ހައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.