English Edition
Dhivehi Edition

ދައުލަތުގެ ޚަރަދުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ

މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް ފަހު، ރެކޯޑު ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ ރިޕޯޓް ނެރުން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ހުއްޓާލައްވައި، އެކަން ހިނގާފައިވާ ގޮތް ބެއްލެވި .އެ ހިސާބުތައް އިސްލާހު ކުރާނެ ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ ހުސައިން ނިޔާޒީއާ މަޝްވަރާ ކުރެއްވި. އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ރެކޯޑު ކުރުމުގައި ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ތަފާތެއް އެބައުޅޭ. އޭގެ މާނައަކީ މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެބައި ހިމަނައިފި ކަމަށްވަންޏާ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ދެ ބިލިއަން އިތުރުވެގެންދާނެއޭ” އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެ ހިސާބުތަކަށް ބަދަލު ގެންނާނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ވެސް ލަފާ ހޯދުމަށް ފަހު ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ މި އަދަދުތައް މިއަހަރުގެ ބަޖެޓުގައި ހިމެނުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.