English Edition
Dhivehi Edition
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށަށް އެންދެރި މަޝްރޫއުގެ ދަށުން ހަވާލުކުރި ގްރާންޓްތަކަކީ މި ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެއްކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރީގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި ގްރާންޓްތައް ހަވާލުކުރުމަށްޓަކައި މިއަދު ލ. ފޮނަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ގްރާންޓްތައް އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫޢޫތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެކަމަށެވެ. މި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދެވިފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫއުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްއިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ސްމޯލް ގްރާންޓްސް ގެ ދެވަނަ ބުރަށް ހޮވުނު ފަރާތްތަކަށްވެސް މިއަދު ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރެވުނެވެ.

މި ބުރުގެ ގްރާންޓަށް ހޮވުނު ތިން ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެއެވެ. 2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްޢިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔަ ވަނީ ފޯރުކޮށްދީފައެވެ.