English Edition
Dhivehi Edition

ރާއްޖޭގެ ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް އެކުލަވައިލުމާ ގުޅިގެންނެވެ.

އެމްއެމްއޭއިން އާންމުކުރި ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށް ލާޒިމް ކުރެއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނުއްވާފައެވެ. މި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރީއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށެވެ.

މި ގަވާއިދާ ގުޅިގެން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކުރީގެ ވެރިކަންތަކުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރި ނަމަވެސް ނިންމިފައިނުވާ ނިންމުމެއް ކަމަށެވެ. އެގޮތުން، ލޯކަލް ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އިމްޕޯޓަށް ފައިސާ ދެއްކުމާއި ބޭރުގެ ދަރަނިތައް ދެއްކުމާއި ކާޑުން ސެޓްލްމަންޓް ދެއްކުމާއި ރުފިޔާ ހަމައަކަށް އެޅުވުމާއި، އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެނައުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ރަނގަޅު ރިޒާވެއް ލިބުމުން އިންފްލޭޝަން ކޮންޓްރޯލް ކުރެވޭނެ ކަމަށާއި އިގްތިޞާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.