English Edition
Dhivehi Edition

ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުވޭތުގެ އިންވެސްޓަރުންނަށް ދަޢުވަތު އަރުވައިފިއެވެ.

ކުވޭތުގެ ވަލީޢަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ކުރެއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު، ވަނީ ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ޚާއްސަކޮށް ޞިއްޙީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ޙާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި އޮތް މި ބައްދަލުވުންނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ކުވޭތުގެ ވަލީޢަހްދު ވަނީ ދެ ޤައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.