އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދީފައިވާކަމަށެވެ.
މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރު 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހު ކަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓަރު ބުނީ އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށެވެ. އަދި ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އީ.ޓީ.އޭ. އާބެހޭ އިތުރު މައުލޫމާތު: https://www.gov.uk/guidance/apply-for-an-electronic-travel-authorisation-eta