English Edition
Dhivehi Edition
މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤު ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދިވެހިރާއްޖޭގައި އިސްލާމީ މާލިއްޔަތުގެ ހިދުމަތްތަކަށް ހުރި ޑިމާންޑު ވަރަށް މަތިކަމަށާއި، މުސްތަގުބަލުގައި މި ސަރަހައްދުގެ އިސްލާމީ މާލިއްޔަތުގެ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެންދާނެކަމުގެ ޔަގޯންކަން އޮތްކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.

ވިލާ ނޯޓިކާގައި ބޭއްވި ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް އެންޑް އެވޯޑްސް 2024ގައި މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމީ މާލިއްޔަތުގެ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާ ކަމަށްވާ އަމާނާ ތަކަފުލް ޤާއިމުކުރިތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އޭގެ ފަހުން ރާއްޖެށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މިހާރު ފަޚުރުވެރިކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކާއި، އެޗްޑީއެފްސީ އަމްނާ، އަދި ބީއެމްއެލް އިސްލާމިކް ފަދަ އެކިއެކި ފަރާތްތައް މެދުވެރިކޮށް އިސްލާމީ މާލީ ޚިދުމަތްތައް ފުޅާ ދާއިރާއެއް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގަވަރމަންޓް ސެކިއުރިޓީސްގެ މާކެޓްވެސް އިތުރަށް ތަރައްޤީވެ، އިންޓަރނޭޝަނަލް އިސްލާމިކް ޑެޓް ކެޕިޓަލް މާކެޓަށް ވަދެ، 2021 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވިއްކާފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ސުކޫކްގެ ޕޭމަންޓްތައް ގަޑިން ގަޑިއަށް ދައްކަމުން އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރަނގަޅު މާލީ އިސްލާހުތަކެއް މެދުވެރިކޮށް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، އިސްލާމީ މާލިއްޔަތުގެ ޚިދުމަތްތައް ދޭ ސިނާޢަތް އިތުރަށް ވަރުގަދަކޮށް، އިސްލާމިކް ގްރީން ފައިނޭންސިންގެ ފުރުސަތުތައް ހޯދުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.