ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޤާނޫނާ ޚިލާފުވާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޓާސްކް ފޯހުގެ ފަރާތުން އެ މިނިސްޓްރީން، ސިއްހަތައް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ފަރާތްތައް ބަލާނެކަމަށެވެ. އަދި ރައްކާތެރިކާނާ އާންމުންނަށް ލިބޭނެކަން ޔަޤީންކުރުމަށް އާންމު ސިއްހަތައް ނުރައްކާވާގޮތަށް ހުންނަ ތަންތަން ބަންދުކުރާނެކަމަށްވެސް ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލަށް މާދަމާ އިން ފެށިގެން އަމަލު ކުރާނެ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކަށް އޮންނާނީ މި ރެއިޑްތަކުގެ ތެރެއިން ޚާއްސަގޮތެއްގައި ރަޖިސްޓަރ ނުކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ސިއްހަތާއި ގުޅުންހުރި ކަންކަން ހިންގާ ފަރާތްތައް ވެއްޖިއްޔާ އެ ކާބޯތަކެތި ވިއްކުން އެއްކަމަކަށް މަނާކުރުން. އެތަން ބަންދުކުރުން. މާދަމާއިން ފެށިގެން ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒްވަމުންދާނެ. އެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭ އަށްވެސް ހާއްސަ ބާރުތަކެއް ލިބިގެން އެބަދޭ.” ވަޒީރު ޚަލީލު ވިދާޅުވިއެވެ.
އެގޮތުން ކާބޯތަކެއްޗާއި ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމަށް ވަކި ހޮޓްލައިނެއް ގާއިމުކުރާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން އިން ފެށިގެން 50،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ ފަރާތުން މިފަދަ މިންގަނޑުތަކާއި ޚިލާފު ކަންތައްތައް ފެނިއްޖެނަމަ އެމީހަކު ޑީޕޯޓްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.