މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރެވެންދެން ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރެވޭ ގޮތަށް ބިމެއް ހަމަޖައްސައިފިއެވެ.
މިއަދު އެޗްޑީސީ އިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ފްލެޓު ކުރިމަތީގައި އޮންނަ 40،000 އަކަފޫޓުގެ ހުސް ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މި ބިން އެޗްޑީސީގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި ބިމާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު މުހައްމަދު އަމީނެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭގައި ދުއްވާ އުޅަނދުތައް ގަވައިދަށް ފައްތަން ވަކި މުހުލަތެއް ދިނުމަށާއި އެ އުޅަނދުތައް ވަކި މުއްދަތެއް ވަންދެން ޕާކް ކުރެވޭނެ ބިމެއް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ރައީސްގެ އިރުޝާދާ ގުޅިގެން އެޗްޑީސީއާ ވާހަކަ ދައްކައިގެން މިހާރު ބިން ހަމަޖައްސާފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ބިމަކީ 200 ވަރަށް ހަތަރު ފުރޮޅީ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ބިމެކެވެ.