English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫ ޖޫނިއާސް ފުޓުސަލް ޓީމާއި، ހުޅުދޫ އޭ.ޓީ ވިމެންސް ޓީމް ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ފޭދޫ ކާމިޔާބުކޮށްފިއެވެ. ފޭދޫފުޓުސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފޭދޫ ޖޫނިއާސް ޓީމް ކާމިޔާބުކުރީ 5-1 ލަނޑުންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ފޭދޫ ޓީމުންވަނީ ދެލަނޑު ޖަހައިފައެވެ. މި ދެ ލަނޑުވެސް ޖަހާފައިވަނީ ފޭދޫގެ އައްޒައެވެ. ދެވަނަ ހާފްގެ ކުޅުންފެށި މާގިނައިރުތަކެއް ނުވެ އަނެއްކާވެސް އައްޒަ ވަނީ އިތުރު ދެ ލަނޑު ޖަހައި ނަތީޖާ ފުޅާކޮށްފައެވެ. ހުޅުދޫ ޓީމުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ އަނޫޝާ ހަސަނެވެ. އޭނާގެ ލަނޑާއެކު ފަރަގު ކުޑަކޮށްފައިވަނިކޮށް ފޭދޫ ޓީމުގެ ފަލަކުވަނީ އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. މި މެޗާބެހޭ ގޮތުން އޭ.ޓީ ވިމެންސް ޓީމްގެ ކޯޗު މުހައްމަދު ހިސާން ބުނީ މިއީ އައްޑޫސިޓީގައި ފުޓުސަލް ކުޅޭ މޮޅު އަންހެން ކުޅުންތެރިން އުފެއްދުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. މިފަދަ މެޗުތައް ގިނައިން ކުޅެން ހުނަވެރި އަންހެން ކުޅުންތެރިން އުފޭދޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެހެން ޓީމްތަކާ ގުޅުން ބަދަހިކުރެވޭނެ ކަމަށްވެސް ބުންޏެވެ. އައްޑޫސިޓީގެ އަންހެނުންނަކީ ކުޅިވަރުގެ ދާއިރާގައި ނަން ވިދަމުން އަންނަބައެކެވެ. ވަކިން ޚާއްސަ ގޮތެއްގައި މިހާރު އައްޑޫސިޓީގެ ކަނބަލުންވަނީ ފުޓްސަލް ކުޅުމަށް ބޮޑު ޝައުގުވެރިކަމެއް ދޭންފަށައިފިއެވެ. ރޭގެ މެޗުގެ ފަށްޓަވައި ދެއްވީ މަޝްހޫރު ކުޅުންތެރިޔާ އަލްމާ އަލީއެވެ.