މާލޭގައި މީހަކު ރަހީނު ކުރި މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ، 27 އަހަރުގެ އަދި 22 އަހަރުގެ ދިވެހި 3 ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށް 10 ދުވަހަށް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުންގެ ކޯޓު އަމުރުގައި ބުނެފައި ވަނީ 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ސީނުން ކަމަށާއި އެމީހުން ހައްޔަރު ކުރިއިރު އަނިޔާ ލިބުނު ފަރާތް ވެސް ސީންގައި ހުރިކަން އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާ ކަމަށެވެ. މީގެއިތުރުން އަނިޔާ ލިބުނު މީހާއަށް ދެވޭނީ ފައިސާ ދިނުމުން ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށާ ސީސީޓީވީ ފުޓޭޖުން މި މީހުން އޭނާ ގޮވައިގެންދާ މަންޒަރު ފެންނަކަމަށް އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.