English Edition
Dhivehi Edition

އިއްޔެ ނިޔާވި ހ. މިރިހި، މަރްޙޫމް ޙުސައިން ޝަރީފަކީ ނިކަމެތިންނަށާއި ޖަމާޢަތަށް އެހީތެރިވި ޚިދުމަތްތެރި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޝަރީފް ނިޔާވި ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަރުޙޫމް ޙުސައިން ޝަރީފަކީ ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. ރައީސް ވަނީ މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެކެވެ. އަދި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއް. ރައީސް މުޢިއްޒު

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމުގައިވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޝަރީފަކީ ކ.ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ގޭޓްވޭ މޯލްޑިވްސް ކުންފުނި ވުޖޫދަށް އައީ 1994 ގައެވެ.