English Edition
Dhivehi Edition
ފޮޓޯ: މިޑިއަރިއޯ

ކޮންމެ ހަތަރު އަހަރުން އެއްއަހަރު ސައުތް އެމެރިކަން ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންމިބޯލް) އިން އިންތިޒާމްކޮށްގެން ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ފަތިހު އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލުކުރާނެއެވެ. މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކޮލަމްބިއާ އަދި އާޖެންޓީނާ ނިކުންނައިރު، މި ދެޓީމުވެސް ފައިނަލަށް ދަތުރުކުރީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

އެގޮތުން އާޖެންޓީނާއަށް ބަލާއިރު އެޓީމު ހިމެނުނީ ގުރޫޕް އޭގައެވެ. ދެން މި ގުރޫޕުގައި ހިމެނުނީ ކެނެޑާ، ޗިލީ، އަދި ޕެރޫއެވެ. އާޖެންޓީނާއިން ގުރޫޕުގައި ތިން މެޗު ކުޅުނު އިރު، އެ ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. މިއާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާއިން ދަތުރުކުރީ 9 ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުއާޓާގައި އާޖެންޓީނާ ބައްދަލުކުރަން ޖެހުނީ އެކުއެޑޯއާއެވެ. އެ މެޗު، އެއްވަރުވެ، ޕެނަލްޓީގައި 2-4 އިން އެކުއެޑޯ ބަލިކޮށް ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކުރިއެވެ. ސެމީގައި އާޖެންޓީނާ ބައްދަަލުކުރީ ކެނެޑާއާއެވެ. އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ 0-2 އިން ކެނެޑާ ބަލިކޮށްގެންނެވެ.

ކޮލަމްބިއާއަށް ބަލާއިރު، އެޓީމު ހިމެނުނީ ގުރޫޕް ޑީގައެވެ. ކޮލަމްބިއާގެ އިތުރުން ގުރޫޕް ޑީގައި ހިމެނުނީ ބްރެޒިލް. ކޮސްޓަރިކާ އަދި ޕެރަގުއޭއެވެ. ކޮލަމްބިއާއިން އެޓީމު ހިމެނުނު ގުރޫޕް ގައި ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗު އެއްވަރުވިއެވެ. މިއާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ކޮލަމްބިއާ ދަތުރުކުރީ ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުއާޓާގައި ކޮލަމްބިއާ ބައްދަލުކުރަން ޖެހުނީ ޕެނަމާއާއެވެ. މި މެޗު 0-5 އިން ކާމިޔާބު ކޮށް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެގައުމުން ނުކުތީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު އުރުގުއޭއާއި ދެކޮޅަށެވެ. ކޮލަމްބިއާއި ފައިނަލް ކަށަވަރުކުރީ 0-1 އިން އުރުގުއޭ ބަލިކޮށްގެންނެވެ.

މިރޭގެ ފައިނަލާއި މި ދެޓީމު ކުރިމަތިލާއިރު، މުބާރާތުގެ ތާރީޚުގައި މި ދެޓީމު 15 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރިން 10 ފަހަރު އާޖެންޓީނާ މޮޅުވެފައިވާއިރު، ކޮލަމްބިއާއަށް އާޖެންޓީނާ ބަލިކުރެވިފައިވަނީ ތިން ފަހަރުއެވެ. ދެމެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ. މިރޭގެ ފައިނަލް މެޗަށް ބަލާއިރު، މިއީ ކޮޕަ އެމެރިކާ ތާރީޚުގައި މި ދެ ޓީމު ފައިނަލުގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

މިރެއަކީ މުބާރާތުގެ ތާރީޚުގައި ކޮލަމްބިއާ އަދި އާޖެންޓީނާ ކުރިމަތިލާ ފުރަތަމަ ފައިނަލަށް ވާއިރު، ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ސިފަކުރަނީ މިއީ ހަމޭސް ރޮޑްރިގޭޒް އާއި މެސީގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

ކޮލަމްބިއާ އަދި އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ހޯދާފައިވާ ކާމިޔާތައް:

އާޖެންޓީނާ އަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ބެލެވިފައިވާ ޓީމެވެ. މުބާރާތުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވެއެވެ. އުރުގުއޭ އިންވެސް މި މުބާރާތުގެ ތަށި 15 ފަހަރު ހޯދާފައިވެއެވެ.

ކޮޕަ އެމެރިކާ ތަށި އާޖެންޓީނާއިން 15 ފަހަރު ހޯދިއިރު، ކޮލަމްބިއާއަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2001 ވަނަ އަހަރުގައެވެ. އޭގެ ފަހުން ފާއިތުވެ މިދިޔަ 21 އަހަރުތެރޭގައި ކޮޕަ އެމެރިކާ މުބާރާތުގެ ފައިނަލަށްވެސް ކޮލަމްބިއާ ދަތުރުކޮށްފައިނުވެއެވެ. ކޮލަމްބިއާއިން މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ މުޅިއެކު ދެފަހަރުއެވެ. އެއީ 1975 ވަނަ އަހަރުގެ މުބާރާތާއި 2001 ވަނަ އަހަރުގެ މުބާރާތުގައެވެ.

ކޮލަމްބިއާ އަދި އާޖެންޓީނާ ބައްދަލުކުރާ މި ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ މިރޭ ފަތިހު ރާއްޖޭ ގަޑިން 5 ޖަހާއިރުގައެވެ.