މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ގިނަ ކަންކަން ރައްޔިތުންނަށް ސިއްރުކުރަމުން ކަމުގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި އެއްވެސް ވާހަކަފުޅަކާއި މިހާރު ކަން ކުރައްވާ ގޮތާއި ދިމާ ނުވާކަމަށާއި އެގޮތުން އެމަނިކުފާނު ގެންދަވަނީ ގިނަ ކަންކަން ރައްޔިތުންނަށް ސިއްރުކުރަމުންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލި އެންމެ ބޮޑު އޮޅުވާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ފޮނުވާލުކަމަށް ބުނެ އޮޅުވާލި އޮޅުވާލުންކަމަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން އަދިވެސް ރާއްޖެއިން އަދިވެސް ފޮނުވާ ނުލާ ކަމަށާއި ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަށް ބުލީ ނުކުރެވޭނެކަމަށެވެ. ނަމަވެސް އިންޑިއާއިން ދަނީ އަދިވެސް ރާއްޖެއަށް ބުލީ ކުރަމުން ކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތު އަދިވެސް އޮތީ އިންޑިއާއަށް ބަރޯސާވެފައިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ބޮޑު ގައުމަކަށް ވެ އޮވެ ރާއްޖެ ކުޑަ ގައުމަކަށް ވުމުން ބުލީ ކުރަން ދޫކޮށް ނުލެވޭނެކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ ބުލީ ކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ފޫނުބެދޭނެކަން އެނގި ހުރެ ބަޖެޓު ރިވައިޒް ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިގްތިޞާދާއިމެދު ހާސްކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގައި ތިބި އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުން ކަނޑަމުންގޮސް ހަރަދު ކުޑަކުރުމުގެ ނަމުގައި އެކި ފިޔަވަޅުތައް އަޅަމުންގެންދާކަމަށެވެ. މިއަދު ގައުމުގެ ހާލަތަށް ރައީސް މުއިއްޒު ޒިންމާވާން ޖެހޭނެކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގޮތަކަށް ހާލަތު އޮތް ނަމަވެސް ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭންޖެހޭނެ ކަމަށެވެ.