English Edition
Dhivehi Edition

އެމެެރިކާގައި މިހާރު ކުރިއަށް ދާ ކޮޕަ އެމެެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނެޑާ ބަލިކޮށް، އާޖެންޓީނާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ރޭ ފަތިހު ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ އާޖެންޓީނާއިިންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ރޮޑްރީގޯ ޑި ޕޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާޖެންޓީނާއިން ލީޑުނެގި މި ލަނޑު ޖަހައިދިނީ ޖޫލިއަން އަލްވަރޭޒްއެވެ.

ލީޑުގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާއިން ނިންމާލިއިރު، އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ 51 ވަނަ މިނެޓުގައެވެ. އެންޒޯ ފެނާންޑޭސްގެ އެހީތެެރިކަމާއި އެކު މި ލަނޑު ޖަހައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ މި މުބާރާތުގައި މެސީ ޖެހި ފުރަތަމަ ލަނޑެވެ.

މެސީގެ ލަނޑަށް ފަހުވެސް އާޖެންޓީނާއިން ރަނގަޅަށް ކުޅެމުން ދިޔައިރު، ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ވެސް ލިބުނެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނެވެ.

ކޮޕާ އެމެރުކާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އާޖެންޓީނާއިން ހޯދިއިރު، ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރާނެ ޓީމެއް އެނގިގެން ދާނީ މިރޭ، ކޮލަމްބިއާ އަދި އުރުގުއޭ ބައްދަލުޖުރާ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ.