ބްލެކްޕިންކްގެ ޖެނީ އިންޑޯ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައިވަނީ ވައިރަލްވެފައެވެ. މި ވީޑިއޯ އާއި ގުޅިގެން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ވީޑިއޯގައި ފެންނަގޮތުން އޭނާގެ އިސްތަށިގަނޑާއި މޭކަޕް ހަދަމުން ދަނިކޮށް ކަޅުކުލައިގެ ޑިވައިސްއެއް ތުންފަތުގައި ޖައްސައިގެން ހުރިތަން ފެނެއެވެ. އަދި އޭނާ ދުން ފޮނުވާލާ މަންޒަރުވެސް މި ވީޑިއޯގައި ވަރަށް ސާފުކޮށް ފެނެއެވެ. ސަޕޯޓަރުން އޭނާގެ ދިފާއުގައި ބުނީ އިޓްސް އަ ޑިފޫޒާ ކަމަށެވެ. މިހާރު ވިޑިއޯ ޑިލީޓްކޮށްފައިވާއިރު ޖެނީގެ އެޖެންސީ އޮޑް އެޓެލިއަރ އިން ވަނީ މިކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކާފައެވެ.
އަދި ޖެނީ އަކީ ކުޑަކުއްޖެއް ނޫންކަމަށާ، ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގާނޫނާއި ހިލާފުކަމެއް ނޫންކަމަށް އޭނާގެ ސަޕޯޓަރުން ބުނަމުން އަންނައިރު ގިނަ ބަޔަކު ވަނީ އޭނާ އެކަން ކުރަމުން ދިޔައީ ގޭތެރޭގައި ކަމަށް ފާހަގަކޮށްފަ އެވެ. އަދި ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދެކުނު ކޮރެއާ އާއި އެހެނިހެން ގިނަ ގައުމުތަކުގައި މަނާ ކަމެއް ކަމަށާއި އޭގެ ތެރޭގައި އެ ދުވަސްވަރު އޭނާ ހުރި އިޓަލީގެ ކެޕްރީ ވެސް ހިމެނޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާގެ މުވައްޒަފުންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދިޔަކަން ފާހަގަކޮށްފައެވެ.
ޖެނީގެ ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައާ ގުޅިގެން ބްލެކްޕިންކްގެ އެޖެންސީން ބުނީ ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އޯޑީ އެޓެލިއާ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖެނީ މިވަގުތު އެމެރިކާގައި ހުރުމުން އެމީހުން ދަނީ އެ މައްސަލައާ ގުޅޭ ހަގީގަތްތައް ބެލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.