English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓުބޯޅަ މުބަރާތުގެ ކުއާޓާ ފައިނަލް ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށެމައް ތައްޔާރުވެފައި އޮތްއިރު،
މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފުރަތަ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އަދި ޖާމަނީއެވެ.

ސްޕެއިން އަދި ޖާމަނީ ވާދަކުރާއިރު، ސްޕެއިން ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް 16 ގައި ޖޯޖިއާގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ޖާމަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް 16 ގައި ޑެންމާކުގެ މައްޗަށް 0-2 ގެ ނަތީޖައަކުން ކުރި ހޯދައިގެންނެވެ.

ހެޑް-ޓު-ހެޑް ނަތީޖާ

ޔޫރަޕް ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށް ވާ ޖާމަނީ އަދި ސްޕެއިން މީގެ ކުރިން 26 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އެއީ ބައިނަލްއަޤުވަމީ 14 މެޗާއި، ފީފާ ވޯލްޑްކަޕް ގެ ފަސް މެޗުގެ އިތުރުން ޔޫރޯ ކޮލިފައިން ދެ މެޗާއި، ޔޫރޯ ފައިނަލް ބުރުގެ ތިން މެޗާއި ޔޫއެފާ ނޭޝަންސް ލީގުގެ ދެ މެޗުގައެވެ. މީގެ ތެރެއިން ޖާމަނީ 9 ފަހަރު މޮޅުވެފައިވާއިރު، ސްޕެއިން ވަނީ 8 ފަހަރު މޮޅުވެފައެވެ. އަދި 9 މެޗު ވަނީ އެއްވަރުވެފައެވެ.

ޔޫރޯ ފައިނަލް ބުރުގައި ޖާމަނީ އަދި ސްޕެއިން އެންމެ ފުރަތަމަ ވާދަކުރީ 1984 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ސްޕެއިނުންނެވެ. އޭގެ ފަހުން 1988 ވަނަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގައި ވެސް މި ދެޓީމު ވަނީ ބައްދަކުކޮށްފައެވެ. އެފަހަރު 0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޖާމަނީއެވެ.

ޔޫރޯގައި ޖާމަނީ އަދި ސްޕެއިން އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2008 ވަނަ އަހަރު އޮސްޓްރިއާ އަދި ސްވިޒަލެންޑުގައި އޮތް މުބާރާތުގެ ފައިނަލްގައެވެ. އެ ފަހަރު 0-1 އިން ޖާމަނީ ބަލިކޮށް ޗެމްޕިއަންކަން ނެގީ ސްޕެއިނުންނެވެ. އޭގެ ފަހުން މި ދެ ޓީމު އެންމެ ފަހުގެ ބައްދަލުވުމަކަށް ވެފައި ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑްކަޕް މުބަރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗެވެ. މި މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ޖާމަނީ؛
ގޯލްކީޕަރު ނޯޔާ، ކިމިޗް، ތާހް، ރޫޑިގާ، ރައުމް، ޓޯނީ ކްރޫސް، އެންޑްރިޗް، މުސިއާލާ، ގުންޑޮގާން، ވިރްޓްޒް، ކައި ހާވަޓްޒް.

ސްޕެއިން؛
ގޯލްކީޕަރު ސިމޯން، ކަރްވަހާލް، ލެ ނޯމަންޑް، ލަޕޯޓް، ކުކުރެލާ، ޕެޑްރީ، ރޮޑްރީ، ރުއިޒް، ޔަމާލް، މޮރާޓާ، ވިލިއަމްސް.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އަދި ޖާމަނީ ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 9:00 ގައެވެ. މި މެޗު ކުޅޭނީ ސްޓަޓްގާޓް އެރީނާގައެވެ.