ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ސަދާ ސައުދުﷲގެ މަރުގެ މައްސަލާގައި، ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން ކުރާ ދައުވާ، ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ސިވިލް ކޯޓުން ފުރުސަތު ދީފިއެވެ.
އުމުރުން ހަ އަހަރުގެ ސަދާ ބަނޑަށް ތަދުވެ، ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނުގައެވެ.
ސަދާގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދިނުން އެދި ފުވައްމުލަކުގައި މިއަދު އެއްވުމެއް ބާއްވަނީ
ސަދާގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާ ޑޮކްޓަރުންނާ ނަރުހުންނަށް ކުރާ މަދަނީ ދައުވާ ފުރަތަމަ އަޑުއެހުން މިއަދު ސިވިލް ކޯޓުގައި ވަނީ ބާއްވާފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލު ވަނީ އެ މައްސަލާގައި އިހުމާލުވެފައި ވާކަމަށް ދައުލަތުން އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅިގެން ކޯޓުން ބޭރުގައި މަޝްވަރާ ކުރަން ތައްޔާރުކަމަށް ބުނެފައެވެ. އެ ހުށަހެޅުމާއި ގުޅިގެން، ވެރިންނާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަން ފުރުސަތެއް ދިނުމަށް ދައުލަތުން އެދުމާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދީފައެވެ.
ސަދާގެ ބައްޕަ ސައުދުﷲ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތް ފެށީ ދިވެހި ދައުލަތުގެ ހޮސްޕިޓަލްތަކުން ފަރުވާ ކުޑަވުމުގެ ސަބަބުން އަދި އިހުމާލުތަކުން ލިބޭ އަނިޔާ ތަކަށް ހައްލެއް ލިބޭނޭ ކަމުގެ ފުރިހަމަ އުއްމީދާއެކުގައި ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ނަރުހުންނަށް ވެސް އަދި ޑޮކްޓަރުންނަށް ވެސް އިތުރު ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ސައުދުﷲ ވިދާޅުވީ އިހުމާލުވި ކަމަށް ބަލައި، ޑޮކްޓަރުން ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލި ނަމަވެސް، މަރުގެ މައްސަލައެއްގައި އެއީ އެންމެ ރަނގަޅު ފިޔަވަޅެއް ނޫންކަމަށެވެ. އަދި ދަރިފުޅުގެ މަރަށް މިހާރު 4 އަހަރުވެފައިވާއިރު، ސިއްހީ ދާއިރާގެ ތެރެއިން ދެން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އިހުމާލުވީ ފަރާތްތަކަށް މަދަނީ ދައުވާކުރަން ފޮނުވީ އެހެންވެކަމަށް ސައުދުﷲ ބުންޏެވެ.