English Edition
Dhivehi Edition
ޔުކްރޭން ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ޑިނަމޯކިއޭފް

ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޔޫކްރޭންގައި ވެސް އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ސޯވިއެޓުންނާ ކިތަންމެ ދެކޮޅުވިޔަސް ޔޫކްރޭންގެ ފުޓުބޯޅައިގެ ރޫޓް ގުޅިފައި ވަނީ ސޯވިއެޓާ އެވެ. 90 ގެ އަހަރުތަކުގައި ޔުކްރޭން ކުޅުންތެރިން ފުޓްބޯޅަ ތަމްސީލް ކުރަމުން އައީ ސޯވިއެޓް ޔޫނިއަން ނެޝަނަލްޓީމެވެ. ނަމަވެސް 1991 ވަނަ އަހަރު އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ޔޫއެސްއެސްއާރް ބައިބައިވެ، ޔޫކްރޭން ވަކި ދައުލަތެއްގެ ގޮތުގައި ވެގެންދިޔައެވެ. އެގޮތުން ޔުކްރޭން ވަކި ދައުލަތަކަށް ވެ، އަމިއްލަ ފުޓްބޯޅަ ފެޑެރޭޝަނެއް އުފެދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތެރެއަށް އެގައުމުން ނުކުތީ ފީފާ އާއި ޔޫއެފާގެ މެމްބަރަކަށް ވުމަށް ފަހު 1992 ވަނަ އަހަރުގެ ފަހުންނެވެ.

ފީފާ އަދި ޔޫއެފާގެ މެބްރަކަށް ވުމަށް ފަހު ޔޫކްރޭން ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔޫކްރޭން ވާދަކުރިއެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު ވޯލްޑް ކަޕަށް ވެސް އެގައުމު ކޮލިފައި ވެފައެއް ނުވެއެވެ.

ޔޫކްރޭންނުން އެންމެ ފުރަތަމަ ވާދަކުރި ޔޫރޯ ފުޓްބޯޅަ މުބާރާތަކީ 2012 ވަނަ އަހަރު އަމިއްލަ ގައުމު ހިމެނޭހެން ޕޮލެންޑާއި އެކު ބޭއްވި މުބާރާތެވެ. އެ މުބާރާތުގައި ޔޫކްރޭން ވާދަކުރީ ހޮސްޓް ގައުމުގެ ގޮތުގައެވެ. މި މުބާރާތުން އެޓީމު ވަކީވީ ގުރޫޕް ސްޓޭޖުންނެވެ. ނަމަވެސް މި މުބާރާތުގެ 12 ވަނަ ޔޫކްރޭންއަށް ލިބުނެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގައާއި 2020 ވަނަ އަހަރުގައި ބޭއްވުނު ޔޫރޯ މުބާރާތުގައި ވެސް އެގައުމުން ކުޅުނެވެ. 2016 ވަނަ އަހަރުގެ މުބާރާތް ގުރޫޕް ސްޓޭޖުން ނިންމާލަން ޖެހުނު ނަމަވެސް 2020 ވަނަ އަހަރުގެ މުބާރާތުގެ ކުޢާޓާގައި ޔުކްރޭން ވަނީ ކުޅެފައެވެ. މިއީ ޔޫރޯގައި އެގައުމަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮލިފައިވީ ގޮތް

މީގެ ކުރިން ތިން ފަހަރަށް ޔޫރޯގައި ކުޅުނު ޔޫކްރޭންގެ ފުޓްބޯޅައިގެ ތާރީހްގައި ކޮލިފިކޭޝަން މަރުހަލާއެއްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ، 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަންގަ އެވެ. ޔޫރޯގެ އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ސާބިއާ ލަގްޒަމްބާގް އަދި ލިތުއޭނިއާ ހިމެނޭ ގުރޫޕް ބީގެ އެއް ވަނަ ޔޫކްރޭނުން ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށްގެންނެވެ. އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. އެ ޓީމުން ވަނީ ޕޯޗްގަލް ވެސް ބަލިކޮށްފަ އެވެ. އެހެން ނަމަވެސް އެފަހަރާއި ޚިލާފަށް މިފަހަރުގެ މުބާރާތަށް ޔުކްރޭން ކޮލިފައި ވެފައިވަނީ ޕްލޭއޮފް ކުޅެގެން ގިނަ އުނދަގޫތަކެއް ތަހައްމަލްކުރުމަށް ފަހުގައެވެ.

ވަރުގަދަ އިންޓަލީ އާއި އިންގެލެންޑް ވެސް ހިމެނުނު ކޮލިފައިން ގުރޫޕް ސީގައި ޔުކްރޭން ލައްވާލިއިރު، އެޓީމަށް ލިބުނީ އެ ގުރޫޕްގެ ތިންވަނަ އެވެ. އެހެންކަމުން ޖެހުނީ ޕްލޭއޮފް ކުޅޭށެވެ. މިފަހަރުގެ ޔޫރޯއަށް ޔުކްރޭން ކޮލިފައިވީ ޕްލޭއޮފް ފައިނަލުގައި 2-1 އިން އައިސްލެންޑް ބަލިކޮށްގެންނެވެ.

މުހިންމު ކުޅުންތެރިން

މިއަހަރުގެ ޔޫރޯއާއި ކުރިމަތި ލާއިރު، ޔުކްރޭން ޓީމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ގިނަ ތަރިންތަކެއް އެބަތިއްބެއެވެ. އޭގެ ތެރެއިން އެންމެ މުހިންމުކަމަށް ބެލޭ ކުޅުންތެރިންގެ ތެރޭގައި ޑިނަމޯކިއޭވްގެ ފޯވަޑް ޔާމެލެންކޯ އާއި ޗެލްސީގެ ވިންގާ މިކައިލޯ މުޑްރީކް،

އަދި އާސެނަލްގެ މިޑްފީލްޑަރ އޮލެކްޒެންޑަރ ޒިންޗެންކޯ ފާހަގަކޮށްލެވެއެވެ. ޔޫކްރޭން ޓީމުގައި އެންމެ ކްރިއޭޓިވް ކުޅުންތެރިޔަކީ ޗެލްސީގެ ޒުވާން ވިންގަރ މުޑްރީކް އެވެ. މީގެ އިތުރުން ވެލެންސިއާގެ ފޯވްޑް ރޯމަން ޔަރެމްޗުކް އަކީވެސް ޔުކްރޭން ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ.

ކޯޗު

ޔޫރަޕްގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރުންގެ ތެރޭގައި ޔޫކްރޭންގެ މިހާރުގެ ކޯޗް މާހީ ރިބްރޯފް ހިމެނޭނެ އެވެ. ޔުކްރޭން ފުޓްބޯޅައިގައި ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް ރުބްރޯފް އަކީ މަޝްހޫރު ފަރާތެކެވެ. ޔުކްރޭންގެ ފުޓްބޯޅަ ތާރީޚްގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައިވެސް ބެލެވިފައިވާ ރިބްރޯފް ޔުކްރޭންގެ ގައުމީ ޓީމާއި ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫންމަހުގައެވެ.

ރިބްރޯފްގެ އިރުޝާދުގެ ދަށުން ޔުކްރޭން މިހާތަނަށް ކުޅެފައިވަނީ އެންމެ 11 މެޗެވެ. އޭގެތެރެއިން ހަ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. ބަލިވީ އެންމެ މެޗަކުންނެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ޔުކްރޭން ހިމެނުނީ ބެލްޖިއަމް، ސްލޮވޭކިއާ އަދި ރުމޭނިއާއާއި އެކު ގުރޫޕް އީގައެވެ. މި ގުރޫޕުގެ ފޭވަރިޓަކީ ބެލްޖިއަމްއެވެ. މިއީ ޔުކްރޭނަށް ދެވަނަ ބުރަށް ދިއުމަށް މާ އުނދަގޫ ގުރޫޕެއްކަމަކަށް ނުބެލެވެއެވެ.