English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ކެންދޫގެ ބަނދަރު ސަރަހައްދުގައި މިއަދު މެންދުރުފަހު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުން އެދި ދެންނެވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސުލްޖުމްހޫރިއްޔާ ކެންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވިއެވެ. އެ ބަނދަރަކީ 600 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވަނީ ކެންދޫ ބޯފެނުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫއަށް ވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ޅ. ހިންނަވަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމް އިފްތިތާޙުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހެނދުނު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި އިއްޔެ ވަނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށާއި، ހެނބަދޫއަށާއި، ހޮޅުދޫ އަދި ވެލިދޫއަށް ޒިޔާރާތް ކުރައްވާފައެވެ. އިއްޔެ ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރެއިން، މާޅެންދޫއަށް ވަޑައިގެން އެރަށު ބަނދަރާއި އެރަށު މިސްކިތް ހުޅުއްވައިދެއްވައި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައި، ހޮޅުދޫ އަދި ވެލިދޫގެ ބަނދަރު ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.

 

 

ޓެގު