English Edition
Dhivehi Edition
މަދިރިއާލާވާތަންތަން ބަލައި ހޯދުމުގެ މަސައްކަތް އެމްއޭސީ އާއި ރެޑްކްރެސެންޓް އިން ކުރިއަށް ގެންދަނީ: ފޮޓޯ އާމިނަތު ސާލިޙާ/ އޭއޯނިއުސް

އިމާރާތްކުރާ ސައިޓްތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހަންމިއްޔަތުކަން ދިނުމަށް ކޮންސްޓްރެކްޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މި މޫސުމަކީ ރާއްޖޭގައި އަބަދުވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރެއްކަމުން އަދި އިމާރާތްކުރާ ސައިޓްތަކަކީ މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަ ތަންތަނަށް ވުމުން މިފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ތަންތަން މަދރި އާލާނުވާ ގޮތަށް ހެދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންސްޓްރެކްޝަން މިނިސްޓްރީން މި ގޮތަށް ބުނެފައިވާއިރު، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ވަރަށް ހަލުވިކަމާއެކު ފެތުރެމުން ދަކަން ފާހަގަކޮށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.