English Edition
Dhivehi Edition

ބައެއް ރޭރޭ ކިތައްމެ މަސައްކަތެއް ކުރިޔަސް ނިދި ނައަންނަ ރޭރޭ އާދެއެވެ. އެއިގެ ސަބަބުން ބައެއްފަހަރު އަމިއްލަ ނަފްސުދެކެ ރުޅިއާދެވެއެވެ. ނަމަވެސް އެއްވެސް ވަރަކަށް ނުނިދިގެން އުޅޭ ސަބަބު ބަލާލަންތޯ އެވެ؟ ހަމަ ނިދި ނުވަތަ ނުނިދިފައި އޮންނަންޖެހޭ އެއްސަބަބަކީ ބޯދަށަށް ލެވިފައިވާ ބާލީހޭ ދެންނެވުމުން ހައިރާން ވެދާނެއެވެ. ނުނިދި އެއިގެ އުނދަގޫ ތަހައްމަލް ކުރަން ޖެހިފައިނުވާ މީހަކު ވަރަށް މަދުވާނެއެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މައްސަލަ އަކަށްވަނީ އެކަން ތަކުރާރުވާން ފެށުމުންނެވެ. އެހާހިސާބުން އެއަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ރޭގަނޑު ނުނިދި އޮންނަން ޖެހުމީ ސްޓްރެސް ނުވަތަ ޑިޕްރެޝަން ފަދަ ބައްޔެއްގެ ސަބަބުން ވާކަމެކެވެ. އަނެއްބަޔަކު ޤަބޫލް ކުރާގޮތުގައި ނުނިދެނީ ކެވޭ ބޭހަކުން، ނުވަތަ ކެފޭން އެކުލެވޭ އެއްޗެހި ބޭނުންކުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ގިނަމީހުންނަށް އަޅާނުލެވި ދޫކޮށްލެވިފައިވާ އެއް ސަބަބު އެބައޮތެވެ. އެއީ ބާވެ ނުވަތަ ގިނަ ދުވަސްވެފައިވާ ބާލީހާއި، ގޮދަޑީގައި ނިދަން އުޅުމެވެ. ނިދަން ބޭނުންކުރާ ބާލީހާއި ގޮދަނޑިއާއި މެދު ވިސްނާލަނީ މަދުބައެކެވެ. ރަނގަޅު ނޫން ބާލީހާއި ގޮދަނޑީގެ ސަބަބުން ނިދިން މަހްރޫމްވެގެން ދާއިރުވެސް އެކަން އެހާ ބޮޑުކަމަކަށް ނަހަދަނީ އެކަން ނޭނގޭތީއެވެ. ހަށިގަނޑުގެ ބައްޓަމަށް ފިޓް ގޮދަނޑިއެއްގައި އަރާމް ކޮލިޓީ ބާލީހެއްގެ މަތީގައި ނިދާލުމުން ނިދީގެ ހަޤީގީ އުފަލާއި ހިތްހަމަޖެހުން ލިބިގެންދެއެވެ. އެގޮތުން ބޭނުންކުރާ ބާލީސް މަދުވުމަކީ މުހިއްމުކަމެކެވެ. ރަނގަޅު ބާލީހެއް ބޭނުންކުރާނަމަ މައިބަދައާއި ކަރަށް އަރާ ތަދުތަކުން ސަލާމަތްވެގެން ދެއެވެ. ކަމުގެ މާހިރުން ބުނާ ގޮތުގައި ބޮލާއި ހަށިގަނޑުގެ ތަދުތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެމީހަކާއި އެންމެ ގުޅޭ ބާލީހެއް ނިދާއިރު ބޭނުންކުރުމެވެ. އެގޮތުން ބަންޑުން އޮވެ ނިދާއިރު ގުގުރިދަމާ މީހުންނަށް އެންމެ ރަނގަޅީ މަޑު ތުނި ބާލީހެކެވެ. އަރިއަކަށް އޮވެ ނިދާނަމަ ބޭނުންކުރާ ބާލީހަކީ ބޮލާއި ކަނދުރާ އާއި ދޭތެރޭގައި ހުންނަ ހުސް ޖާގައަށް ރަނގަޅަށް ގަރާރުވާ ކަހަލަ ބާލީހަކަށް ވާންޖެހެއެވެ. އުނަގަނޑުގައި ރިއްސާ މީހުން ނުވަތަ މާބަނޑު މީހުންނަށް އެންެމެ އެކަށީގެންވަނީ މުޅި ހަށިގަނޑަށް އަރާމް ލިބޭގޮތަށް ހުންނަ ދިގު ބާލީހެވެ. އެބާލީހަކުން އަތާއި ފަޔަށް އަރާމް ލިބޭކަހަލަ ބާލީހެކެވެ. ނިދާއިރު ރަނގަޅު ބާލީހެއް ބޭނުންކުރުމާއި ބެހޭގޮތުން މަޝްހޫރު ފިޒިއޯތަރަޕިސްޓެއް ކަމަށްވާ ސަމީ މަރގޯ ބުނެފައިވާ ގޮތުން ރަނގަޅު ބާލީހެއް ބޭނުންކޮށްގެން ނިދާ ހޭލާމީހަކަށް ލިބޭ ހިތްހަމަޖެހުމުގެ އިތުރުން އޭނާގެ މުޅި ދުވަސް އުޖާލާވެ ތާޒާވެފައިވާ ކަމުގެ އިޙްސާސް އެމީހަކަށް ކުރާނެކަމަށެވެ. ރަނގަޅު ބާލީހެއްގައި ނިދި ކަމުގައިވިޔަސް އެމީހަކު ނިދަން އޮންނަ ގޮތަކުންނާއި، ކޮޓަރީގެ ފިނިހޫނުމިނާއި، ބޭނުންކުރާ ކާނާ އާއި ފެނުގެ ނިންވަރުގެ ސަބަބުން ވެސް ނިދުމަށް ބަދަލުތައް އާދެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުން މުހިއްމެވެ.