English Edition
Dhivehi Edition

ހޮލީވުޑާއި ބޮލީވުޑަށް ވިޔަސް “ރެޑްކާރޕެޓް” ޝޯއޭ ބުނެފިނަމަ އެންމެންވެސް އެ ޝޯބެލުމަށް ވަރަށް ޝައުގުވެރިވެއެވެ.

ސަބަބަކީ، އެދުވަހަކީ މަޝްހޫރު ހުރިހާ ސެލެބްރިޓީން އެދުވަހަކަށް ވަރަށް ތައްޔާރުވާ ދުވަހަކަށްވާތީއެވެ. އެދުވަހު އަގުބޮޑު ގަހަނާއާއި ހެދުން އެޅުމަކީ ސެލެބްރީޓީން އާންމުކޮށްކުރާ ކަމެކެވެ.

ކޮންމެ ސެލެބްރިޓީ އެއްވެސް ބަލަނީ އެންމެރީތިކޮށް ޑިޒައިންކޮށްފައިވާ ހެދުމެއް އެދުވަހު އެޅޭތޯއެވެ. ހެދުމުގެ އިތުރުން އެންމެގިނަ މީހުން ލޮލުގައި އަޅައި ގަންނަނީ ހުރިހާ ސެލެބްރިޓީއިން އަރާފައިވާން ނުވަތަ ބޫޓާއެވެ.

މި ބަލައިލަނީ ބޫޓޫގެ ކުލަޔާއި، ރީތިކަމަކަށް ނޫނެވެ. ބޫޓުގެ ސައިޒަށެވެ. ގިނަ މީހުންނަށް ފާހަގަ ނުކުރެވުނަސް ނުވަތަ އަޅައިނުގަތަސް ހުރިހައި ތަރިން އަރާފައި ހުންނަނީ އެމީހުންގެ ފައިތިލައަށްވުރެ ބޮޑު ބޫޓަކަށެވެ. ނުވަތަ ފައިވާނަކަށެވެ. އެ ކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އެއީ ފެޝަނެއް ހެއްޔެވެ؟

ހިނގައިލާއިރު އަރާފައިވާ ބޫޓު ނުވަތަ ފައިވާން ފައިތިލަޔަށް ވުރެން ފުޅާވެފައި ބޮޑުކަމަށް ފާހަގަ ކުރެވޭނެއެވެ. މިކަމުގެ އެންމެބޮޑު ސިއްރެއްކަމަށްވަނީ ގިނައިރު ކަށްޓަށް އަރައި އުޅޭއިރުގައި ފައިގައި ރިއްސުމާއި ފައި ދުޅަވުމުން ސަލާމަތް ވުމަށް ކަމަށް މިގޮތަށް ފައިވާނަށް އަރާ ސެލެބްރިޓީއިން ބުނެއެވެ. އެމީހުން ބުނާގޮތުގައި މުޅިދުވަހު ނޫނީ ގިނައިރު ހައިހީލަށް އަރައިގެން އުޅެންޖެހޭތީ، އޭގެ ސަބަބުން ދިމާވާ ދަތިތަކުން ސަލާމަތްވުމަށް މިއީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ހައިހީލަށް އެހައި ގިނައިރު އަރައިގެން އުޅުމަކީ ފަޔަށް އެތައް ގެއްލުމެއްވާ ކަމެކެވެ. މިގޮތުން ފައިގައި ރިއްސުން، ފައިދުޅަވުން، ފޮޅުނެގުން، އަދި ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކްރޯނިކަލް މައްސަލަތައް ދިމާވުން ހިމެނެއެވެ.

މަޝްހޫރު ތަރިން މިގޮތަށް ފައިވާނަށް އަރަން އެކިއުކުޅުތައް ބޭނުން ކުރެއެވެ. އެގޮތުން ފައިވާން ފަޔަށް ހެޔޮވަރު ކުރުމަށްޓަކައި ތުނި ސިލިކޯން ކޮޅެއް އެތެރެއަށް ލެއްވުމާއި، ޑަބަލް ޓޭޕް ބޭނުންކޮށްގެން ފައި ނުކައްސާނެހެން ހަރުކޮށްފައި ބެހެއްޓުން ހިމެނެއެވެ. މިއީ މަޝްހޫރު ތަރިން އެމީހުންގެ ފޭނުންގެ ކުރިމަތީގައި ނަމާއި އަގު ހިފެހެއްޓުމަށް އުފުލާ ބުރަތަކެވެ.