English Edition
Dhivehi Edition

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި ވަފާތެރިކަމާއި އިޚްލާސްތެރިކަމާއި އެކު އެނެމް ގާތުން ހުންނާނެކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަން ވެޑައިގެން ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަނީ އަބްދުއްރަހީމް އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ސިޔާސީ ގޮތުން އެންމެ ކަމުދާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަކީ އަބްދުއްރަހީމް ކަމަށް ވިދާޅުވާ ހިސާބުން ދެން ކިހާހިސާބަކަށްތޯ މިކަން ދެމިގެން ދަނީ ތަސައްވަރު ކުރެއްވުމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭ ފުވައްމުލަކުގައި ބޭއްވި ޕީއެންސީ/ޕީޕީއެމް ކެމްޕޭނު ޖަލްސާގައި މިކަމަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ އޭނާ ކަމަށާއި އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސް ވަޒީރޭ ބުނީމަ ލަދުން ބޯފަޅައިގެންދާ މީހުން ދިޔަޔަސް ކުރާނެ ކަމެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނަށް އިހުލާސްތެރިން ވަކިކުރަން އެނގިވަޑައިނުގަތުމުން އެކަމާއި ހިތާމަކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

“ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ އަހަރެން. އިހުލާސްތެރިން ވަކިކުރަން ޔާމީނަށް އެނގިވަޑައިނުގަތުމުން އެކަމާއި ހިތާމަކުރަން.” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް، ގޭބަންދަށް ބަދަލުކޮށްދިނީ އެބޭފުޅުން ކަމަށާއި އަދި އެމްޑީޕީން ދިން އަނިޔާއިން ރައީސް ޔާމީން މިނިވަންވެފައިވަނީ ރައީސް މުއިއްޒުގެ ނުފޫޒު ކޯޓުތަކުގައި ނެތީމައިކަމަށާއި އެއީ އުފާކުރާކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.