English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މިހާރު މިއޮތް ސަރުކާރު ބަދަލް ކުރަން ކަމަށާއި އެކަން ވަރަށް ސާފުކޮށް އެމީހުންގެ އަމާޒު ބުނަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައިޕާޓީ ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ފުވައްމުލަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އެ އުޅެނީ މިހާރު މިއޮތް ސަރުކާރު ބަދަލް ކުރަން ކަމަށާއި އެކަން ވަރަށް ސާފުކޮށް އެމީހުންގެ އަމާޒު ބުނަމުން އަންނަކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މިހާރު މިއޮތް ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ސާފުކޮށް އެމީހުންގެ އަމާޒު ބުނަމުން. އެމީހުން ސަރުކާރަށް އެއްބާރުލުން ނުދޭނެ. ބޭނުންވަނީ މަޖިލީހުން ސަރުކާރު ބަދަލުކުރާނެކަމަށް ބުނަމުން.” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއިން މަޖިލީހަށް ކުރިމަތިލީ ކެނޑިޑޭޓުން ހޮވައިފިނަމަ، ސަރުކާރު ޖަވާބުދާރީކުރާނެ ކަމަށް އެ ޕާޓީއިން އަބަދުވެސް އައީ ބުނަމުންކަމަށާއި ނަމަވެސް މެޖޯރިޓީ ލިބުމުން ކުލަވަރު މިހާރު މުޅިން ބަދަލުވެގެން ގޮސްފައިވާކަމަށެވެ. އަދި މިހާރު އެމީހުންގެ ފަރާތުން އިވެމުންދަނީ، ސަރުކާރު ބަދަލުކުރާ ވާހަކައާއި، އަޒުލުކުރުމާއި، ބަގާވާތްކުރުން ފަދަ ލަފްޒުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެދިލެއްވީ އިދިކޮޅު ފަރާތްތަކުން ބޭނުންވެގެން އެ އުޅޭ އެ ހަމަނުޖެހުން ގެނައުމަށް ފުރުސަތު ނުދީ ޕީއެންސީ/ޕީޕީއެމް އިން ވާދަކުރާ ކެނޑިޑޭޓުންނަށް ފުރުސަތު ދިނުމަށެވެ. އަދި ޕީއެންސީ/ޕީޕީއެމް ކެނޑިޑޭޓުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޕާޓީއަކުން މަޖިލިސް މެޖޯރިޓީ ނެގިއަސް ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނެކަމަށާއި ޖަވާބުދާރީ ކުރުމަކީ ކުރެވޭނެ ކަމެއްކަމަށެވެ. އަދި ޕީއެންސީ/ޕީޕީއެމް މެމްބަރުން ވެސް އެ މެމްބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރައްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް މީހުން އިންތިހާބުކުރާއިރު، ސާފުކޮށް ވިސްނަންޖެހޭކަމަށާއި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އައިސްފި ނަމަ އެކަމުގެ ސަބަބުން ހުރިހާ ދެރައަކާއި ގެއްލުމަކާއި ކުރިމަތިލާން ޖެހޭ ބަޔަކަށް ވެފައިވަނީ ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް އެ ފަދަ ފުރުސަތެއް ނުދިނުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.