English Edition
Dhivehi Edition
ނައިބް ރައީސް: ފޮޓޯ ޕީއެސްއެމް

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީ ފަރިތަ ނޫން ކަމަށާއި އެ ޕާޓީއަކީ ބަރުލަމާނީ ނިޒާމެއްގައި އަޅައިގަނެގެން ނެއްޓިގެން ނޫޅޭ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ބޭއްވި މަޖިލީހުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ އަށް ނޭނގޭ ކަމަށާއި ވެރިކަން ލިބުމުން ވެސް އެ ޕާޓީއަށް އުނދަގޫތައް ދިމާވަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

އެހެންކަމުން އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖެއަށް ތަރައްޤީ ގެނެސްދިނުމަށް ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ނަގައިދިނުމަށް ނައިބްރައީސް ވަނީ އެދިވަޑައިގެންފައެވެ.

ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އިޚުލާސްތެރި ތެދުވެރި ބޭފުޅެއް ކަމަށާއި ހިކުމަތްތެރި ސިޔާސީ ވަރުގަދަ ލީޑަރެއް ކަމަށެވެ. އެމަނިކުފާނަކީ ދެގޮތެއްނުވާނޭ ލީޑަރެއް ކަމަށާއި އިންތިހާބަށް ހޮވުމަށްފަހުގައިވެސް ރައްޔިތުން ދޫކޮށްނުލާ ކަމަށެވެ.

“ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދެއްވުން. އަދި ކެބިނެޓް ބޭނުން ކުރައްވައިގެން މި ވޭތުވެ ދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހުންނެވީ ހުރިހާ ކަމަކަށް ތައްޔާރުވެވަޑައިގެން . ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ކުރީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން ރައްޔިތުންނަށް ޒައްރެއްގެ މިންވަރަށްވެސް ކުރިއެރުން ހޯދައި ނުދެނު ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކުރަމުން އައިކަމަކީ ޤަރާރު ހުށަހެޅުމާއި ކުއްލި މައްސަލަ ހުށަހެޅުން ކަމަށާއި އަމިއްލަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.