English Edition
Dhivehi Edition

ދ. ރިނބުދޫ ކައުންސިލްގެ ހުއްދައެއްނެތި އެރަށަށް ދަތުރުދިއުމަކީ މަނާކަމެއް ކަމަށްބުނެ އެރަށު ކައުންސިލުންކުރި އިއުލާން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބާތިލް ކޮށްފިއެވެ.

އެހެން ރަށްރަށުގެ މީހުން އެރަށަށް ދަތުރުދިއުން މަނާކޮށް ރިނބުދޫ ކައުންސިލުން އިއުލާނެއް ނެރެފައިވަނީ އެކަމުގެ ސަބަބުން އެރަށު މީހުންނަށް ތަފާތު އުނދަގޫތަކާ ކުރިމަތިވުމާއި ރަށުގެ ސާފުތާހިރުކަން ކުޑަވަމުންދާ ކަމަށް ބުނެއެވެ. އެ އިއުލާނުގައި ބުނެފައިވަނީ ކައުންސިލްގެ ހުއްދައެއްނެތި އެރަށަށް ދަތުރުދާ މީހުންނާ މެދު ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

އެއިއުލާން އެލްޖީއޭއިން ބަތިލްކޮށްފައިވަނީ އެއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާވެސް ޚިލާފު އިއުލާނެއް ކަމަށް ވިދާޅުވެއެވެ. އެ އިއުލާން ބާތިލްކޮށް އެލްޖީއޭއިން ރިނބުދޫ ކައުންސިލަށްވަނީ ސިޓީއެއްވެސް ފޮނުވައިފައެވެ. އޭގައި ވިދާޅުވެފައިވަނީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ކަށަވަރު ކޮށްދީފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އެފަދަ އަސާސީ ހައްގެ ފޯރުކޮށްދިނުމުގައި އެއްވެސް ބަޔަކު ނުވަތަ މީހަކު ތަފާތުކުރެވިގެންނުވާނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެފަދަ އިއުލާން ނެރޭއިރު އެއްވެސް އޮޅުމެއްވާ ކަމަށްވާނަމަ އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯއްދެވުމަށްވެސް އެސިޓީގައިވަނީ ރިނބުދޫ ކައުންސިލަށް އަންގަވައިފައެވެ. ދަތުރުފަތުރުކުރުންފަދަ އަސާސީ ހައްގެއް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.