English Edition
Dhivehi Edition

ދ. ރިނބުދޫ އާންމުންނަށް އެކިކަހަލަ އުނދަގޫވާތީ އެރަށު ކައުންސިލްގެ ހުއްދައެއްނެތި، އެހެން ރަށެއްގެ މީހުން ރިނބުދުއަށް ދަތުރުދިޔުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

ރިނބުދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެހެން ރަށެއްގެ މީހަކު ނުވަތަ ބަޔަކު އެރަށަށް ދަތުރުދާންވާނީ ރިނބުދޫ މީހަކު ޒިންމާވާ ގޮތަށް ކައުންސިލްގެ ހުއްދައާ އެކުގައި ކަމަށެވެ. އެއާ ޚިލާފަށް އެރަށަށްއަރާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން އެގޮތަށް ހަމަޖެއްސީ އެރަށަށް ދަތުރުދާ މީހުންގެ ސަބަބުން އެ ރަށުގެ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާތިވުމުގެ އިތުރަށް ރަށުގެ ސާފުތާހިރު ކަމަށް ސަމާލުކަން ނުދޭތީއެވެ.

ބައެއް ފަރަތްތަކުން ބުނެފައިވަނީ މިފަދަ ނިންމުންތައް ނިނމުމުގެ ކުރިން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާހޯދަންވާނެ ކަމަށެވެ. އެތަނުގެ ހުއްދައެއްނެތި ދިވެހި ރައްޔިތުންނާމެދު މިފަދަ ފިޔަވަޅު ކައުންސިލަކަށް އެޅިގެންނުވާނެ ކަމަށް އެފަދަ މީހުންބުނެފައިވެއެވެ.

އިހަވަންދޫގައި އުޅޭ ބިދޭސީންގެ މައްޗަށް އެރަށުގެ ކައުންސިލުން ގަވައިދެއްނެރެ އެކަން ތަންފީޒު ކުރަން ފެށުމުން އެލްޖީއޭއިންވަނީ އެ ގަވާއިދު ބާތިލްކޮށްފައެވެ.