English Edition
Dhivehi Edition

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުތައް ހޯމަދުވަހުގެ ރޭ ކުޅެ ނިމުނުއިރު، މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ އޮންނާނެއެވެ.

ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ބެސްޓް ސްޕޯޓްސް ކުލަބް ވާދަކުރާ މެޗެވެ. މި މެޗު މިރޭ 9:30 ގައި ކުޅޭއިރު، ސެމީގެ ދެވަނަ މެޗު ކުޅޭނީ މިރޭ 10:30 ގައެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިންގް ސްޕޯޓްސް ކުލަބް އަދި ކަންމަތި ސްޕޯޓްސް ކުލަބެވެ.

ސެމީގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ މިމަހުގެ 25 ވާ ހޯމަ ދުވަހުގެރޭ ރަސްހިންނެ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދި ކަންމަތި ސްޕޯޓްސް ކުލަބެވެ. ސެމީގެ އަނެއް ޖާގަ ހޯދީ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެން ކިންގް ސްޕޯޓްސް ކުލަބެވެ.

ސެމީގެ މެޗުތައް މިރޭ ފެށޭއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މިރޭ ބެސްޓް ސްޕޯޓްސް ކުލަބާއި އައުޓްރީފް ސްޕޯޓްސް ކުލަބުގެ ކުރިމަތިލުމަށެވެ. ހަމަ ހަގީތަކުގައިވެސް މިއީ މި މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ މެޗަށް ވާނެއެވެ. ސަބަބަކީ ރާއްޖޭގެ ފުޓްސަލް ގައި އެންމެ ފުންނާބު އުސް ފުޓްސަލް ތަރިން ދެ ޓީމުގައި ވެސް ހިމެނިފައިވުމެވެ. ބެސްޓް އަށް ބަލާއިރު، އަހުމަދު ހަލީމް(އަންމަޑޭ)، އަބްދުޙ ޖުދައިދް (ޖޭންނޭ)، ހުސެއިން ޝަރީފް (އޮންލީ) ފަދަ ކުޅުންތެރިން ހިމެނެއެވެ. އައުޓްރީފަށް ބަލާއިރު، އަޔާޒް އަހުމަދު (އަޔާ)، އިސްމާއިލް ވަޖީހް (ވައްޖެ)، ޝާމިން މުޙައްމަދު އަދި އިބުރާހީމް މައިޝަން ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މި ދެޓީމަކީ ވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެން ސެމީއާއި ކުރިމަތި ލި ދެ ޓީމެވެ. ބެސްޓް ސްޕޯޓްސް ކުލަބް ސެމީއަށް އައީ އާދިއްތަ ދުވަހުގެ ރޭ ކުއާޓާ ފައިނަލުގައި ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް 15-1 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި މިހާ ބޮޑު ނަތީޖާއެއް ފެނިގެން ދިއަ ހަމަ އެކަނި މެޗުވެސް މެއެވެ. އަދި މިފަހަރުގެ މުބާރާތުގައި މިހާތަނަށް އައި އިރު، އިދިކޮޅު ޓީމުތަތަކާއި ދެކޮޅަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޓީމަކީވެސް ބެސްޓް ސްޕޯޓްސް ކުލަބެވެ.

ބެސްޓް ސްޕޯޓްސް ކުލަބް ސެމީއަށް ދަތުރުކުރި ގޮތަށް ބަލާއިރު، އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެގޮތުން މުބާރާތުގެ ކުއާޓާއަށް ބެސްޓް ދަތުރުކުރީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯގައިގެން ގުރޫޕު ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުއާޓާ ގައި ބެސްޓް ސްޕޯޓްސް ކުލަބުން ނުކުތީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ދެކޮޅަށެވެ. ސެމީއަށް އެޓީމު ދަތުރުކުރީ 15-1 ގެ ނަތީޖާއިން ކުއެމް ސްޕޯޓްސް އެކަޑަމީ ބަލިކޮށްގެންނެވެ.

މިރޭ ސެމީ ފައިނަލުގައި ބެސްޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނުކުންނަ އައުޓްރީފަށް ބަލާއިރު، އެޓީމުވެސް ވަނީ އެޓީމު ހިމެނުނު ގުރޫޕް އޭ ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. މުބާރާތުގެ ކުއާޓާއިން އައުޓްރީފް ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ކުއާޓާގައި އައުޓްރީފުން ނުކުތީ ޔުނައިޓެޑް އައުޓްރީފާއި ދެކޮޅަށެވެ. އެޓީމު ސެމީގެ ޖާގަ ހޯދީ ކުއާޓާގައި 2-10 ގެ ނަތީޖާއިން ޔުނައިޓެޑް އައުޓްރީފް ބަލިކުރުމަށް ފަހުގައެވެ.

މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށް ބަލާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ ކިންގް ސްޕޯޓްސް ކުލަބް އަދި ކަންމަތި ސްޕޯޓްސް ކުލަބެވެ. މި ދެޓީމަށް ބަލާއިރު، ކިންގް ސްޕޯޓްސް ކުލަބުން ވެސް މި މުބާރާތުގެ ސެމީން ޖާގަ މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން މުބާރާތުގެ ކުއާޓާއަށް ކިންގް ސްޕޯޓްސް ކުލަބުން ދަތުރުކުރީ ގުރޫޕުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެން އެޓީމު ގުރޫޕު ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކިންގް އިން ސެމީގެ ޖާގަ ހޯދީ ކުއާޓާގައި 4-0 ގެ ނަތީޖާއިން ބިގް ޝޮޓްސް ބަލިކުރުމަށް ފަހުގައެވެ.

ކަންމަތި ޓީމަށް ބަލާއިރު، އެޓީމު މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް އައީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީއަށް އެޓީމުން ދަތުރުކުރީ ކުއާޓާގައި 2-1 ގެ ނަތީޖާޢއިން ރަސްހިންނެ ސްޕޯޓްސް ކުލަބް ބަލިކޮށްގެންނެވެ.

މިރޭ ކުޅޭ ސެމީގެ މެޗުތައް:

21:30: އައުޓްރީފް ސްޕޯޓްސް ކުލަބް – ބެސްޓް ސްޕޯޓްސް ކުލަބް

22:30: ކަންމަތި ސްޕޯޓްސް ކުލަބް – ކިންގް ސްޕޯޓްސް ކުލަބް