English Edition
Dhivehi Edition

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތް، “ތުނޑީ ރަމަޟާން ކަޕް 1445” ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތައް އައުޓްރީފް ސްޕޯޓްސް ކުލަބް، ފޮއެމަތި ސްޕޯޓްސް ކުލަބް އަދި ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބު ކާމިޔާބު ކޮށްފިއެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެޗުތައް ލ. ގަން ތުނޑީ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗަކާއި ގުރޫޕް އޭ އަދި ބީގެމެޗެކެވެ. 16 އަހަރުން ދަށުގެ އުމުރުފުރައިގައި ކުޅުނު މެޗުގައި ރޭ ރަސްހިންނެ ބާބާ އެސްސީ އިން އައުޓްރީފް ޖޭއާރް ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރަސްހިންނެ ބާބާ އެސްސީން ޖެހި ގޯލުތައް ކާމިޔާބުކޮށްދިނީ އަނާން އިބުރާހީމް އާއި މުޙައްމަދު އަޔުޝް ސަލީމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްހިންނެ ބާބާ އެސްސީގެ އަނާން އިބުރާހީމްއެވެ.

ރޭގެ ދެވަނަ މަޗަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް، އެންމެ ވާދަވެރި އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ކަންމަތި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗެވެ. މި މެޗަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވުނު މެޗަކަށް ވަނީ ވެފައެވެ. އައުޓްރީފް އަދި ކަންމަތި ބައްދަލުކުރި މި މެޗުގެ އެންމެ ޚާއްޝަކަމަށް ވީ ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީޒު ފައިސަލް އިބުރާހީމް މި މެޗު ޝަރަފުވެރިކޮށްދެއްވުމެވެ. އަދި މީގެ އިތުރުން ވަޒީރު ފައިސަލް އާއި އެކު މި މެޗު ބަލާލުމަށް ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަނގަޑޭ) ވަނީ ބައިވެރިވެފައެވެ.

ގުރޫޕް އޭ ގައި ހިމެނޭ އައުޓްރީފް އެސްސީ އަދި ކަންމަތި އެސްސީ ބައްދަލުކުރި މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައުޓްރީފު އެސްސީންނެވެ. މިއީ މިފަހަރުގެ މި މުބާރާތުގައި އެޓީމުން ހޯދި ދެވަނަ މޮޅެވެ. ރޭގެ މި މެޗުގައި އައުޓްރީފަށް ލަނޑުތައް ޖަހައިދިނީ ރާއްޖޭގެ ފުޓްސަލް އަށް މަޝްހޫރު ދެ ކުޅުންތެރިން ކަމަށް ވާ އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަޔާޒް އަޙުމަދު (އަޔާ) އެވެ. މި މޮޅާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އައުޓްރީފަށް ވަނީ ބޮޑުވެފައެވެ. ރޭގެ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައުޓްރީފު އެސްސީގެ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ.

ރޭގެ ފަހު މެޗު، ގުރޫޕް ބީ ގައި ހިމެނޭ ފޮއެމަތި ސްޕޯޓްސް ކުލަބް އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރި މެޗު، 3-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފޮއެމަތި ސްޕޯޓްސް ކުލަބުންނެވެ. މިއީ މި ދެޓީމުންވެސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އަދި ފޮއެމަތި މޮޅުވި ފުރަތަމަ މެޗެވެ. ރޭގެ މި މެޗުންވެސް މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ ބަލިވެފައިވާއިރު، އެޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. ގުރޫޕް ސްޓްޖޭޖުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފައެވެ.

މި މެޗުގައި ފޮއެމަތި ޓީމުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ އާދަމް ޝަމީމްއެވެ. އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ދެ ލަނޑު ޖަހައިދިނީ ހުސެއިން އަލީ އާއި އަހުމަދު އަޔާޒްއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފޮއެމަތި ޓީމަށް ތިން ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކުރި އާދަމް ޝަމީމްއެވެ.

މިރޭވެސް މި މުބާރާތުގެ ވަރަށް ފޯރިގަދަ ތިން މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުތަކުގެ ކުޅުންވެސް ފަށާނީ 9:30 ގައެވެ. މިރޭގެ ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. 9:30 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ފޮއެމަތި ޖޭއާރް އަދި ކަންމަތި ނިއު ޖެނެރޭޝަންއެވެ. މިރޭގެ މި މެޗަށް ނުކުންނައިރު، ކަންމަތި ނިއު ޖެނެރޭޝަން ވަނީ އެޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަދި ފޮއެމަތި ޖޭއާރް ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މިއީ ދެޓީމުން ވެސް މުބާރާތުގެ ގުރޫޕް މަރުހަލާގައި ކުޅޭނެ ދެވަނަ މެޗެވެ.

މިރޭ ވެސް މި މުބާރާތުގެ ތިން މެޗެއް ކުޅެވޭނެއެވެ. މިރޭ ކުޅޭ މެޗުތައް:

16 އަހަރުން ދަށް،

21:30: ފޮއެމަތި ޖޭއާރް – ކަންމަތި ނިއު ޖެނެރޭޝަން (ގުރޫޕް އީ)

16 އަހަރުން މަތި،

22:30: އެމްއެންޑީއެފް ސީއޭސީ – ރަސްހިންނެ ސްޕޯޓްސް ކުލަބް (ގުރޫޕް ސީ)

23:30: ބެސްޓް ބޯއީޒް – ކިއުއެމް ސްޕޯޓްސް އެކަޑެމީ (ގުރޫޕް ޑީ)

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.