English Edition
Dhivehi Edition

ޤަތަރާ ބެހޭގޮތުން ކުރެވޭ ޝަކުވާތަކުގެ ލިސްޓެއް ތައްޔާރު ކުރަމުންދާ ކަމަށް ސަޢޫދި އަރަބީއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރު، ހުކުރު ދުވަހު ލަންޑަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިލިސްޓް ތައްޔާރު ކުރަނީ ބަޙްރެއިން، މިސްރު އަދި ޔޫއޭއީގެ ލަފާ ވެސް ހޯދައިގެން ކަމަށެވެ. އަދި ވަރަށް އަވަހަށް ލިސްޓްގެ މަސައްކަތް ނިމި ހުށަހަޅާނެ ކަމަށްވެސް ޖުބެއިރު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ އެމީހުންގެ ޑިމާންޑު ތަކެއް ނޫންކަމަށާއި މިއީ ހަމައެކަނި އެހެން ޤައުމުތަކުން ޤަތަރާމެދު ހުރި ޝަކުވާ ތަކެއް ކަމަށެވެ. އަދި މިޝަކުވާތައް ޤަތަރުން ބަލައިގަނެ އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ވެސް ޖުބެއިރު ވަނީ ގޮވައިލައްވާފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ތުހުމަތުތައް ކުރަނީ ގަލްފް ސަރަހައްދުގެ ގައުމުތަކުން އެކަނި ނޫންކަމަށާއި މުޅި ދުނިޔެއިން ވެސް މި ތުހުމަތުތައް ކުރާކަމަށެވެ. އަރަބި ހަތަރު ގައުމަކުން ވަނީ، ޓެރަރިޒަމަށް ވާގިވެރިވެދޭ ކަމަށް ބުނެ ޤަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ރާއްޖެއިންވެސް ވަނީ މި ސަބަބުތަކަށް ޓަކައި އެގައުމާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ނަމަވެސް ރާއްޖެއިން ޤަތަރާމެދު ވިޔަފާރީގެ ގުޅުން ދަމަހައްޓައެވެ. ޤަތަރު ސަރުކާރުން ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އަދި އެއީ އެށްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.