ކޮމިޔުނީ ލީޑަރެއްގެގޮތުގައި ގިނަ ބަޔަކު ދަންނަ މައުރޫފް ނާހިދު އަކީ ކޮމިޔުނިކޭޝަން ސްޕެޝަލިސްޓެކެވެ. ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ނާހިދު ބޮޑަށް މަސައްކަތް ކޮއްފައިވަނީ މާކެޓިންގ އެންޑް އެޗްއާރު ގައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އަމިއްލަ މަދަނީ ޖަމިއްޔާތަކާއެކީގައި ވޮލެންޓްރިޒަމް ގައި މަސައްކަތް ކުރަމުން އަންނަ އިރު ތަފާތު ގިނަ ދާއިރާ ތަކުން ނާހިދުވަނީ ފެނިފައެވެ.
ކުޑައިރު ތަޖްރިބާކުރި ރޯދަމަހާއި މިހާރުގެ ރޯދަމަހާއި ތަފާތު:
އާއިލާގެ 24 މެމްބަރުންގެ ތެރެއިން ދެވަނަ އަށް އެންމެ ހަގު ފިރިހެން ދަރިފުޅުގެ ގޮތުގައި ބޮޑު ޢާއިލާއަކާއެކު ނާހިދުގެ ކުޑައިރުގެ ރޯދަމަސް ގުޅިފައިވަނީ އުފާވެރި އާއިލީ ހަނދާންތަކަކާއެވެ. އެންމެން އެކީގައި އެއްމޭޒަކުން ކައިގެން ސަކަރާތްޖަހާ ކުޅިވަރުކުޅެ އެންމެން އެކީގައި އަޅުކަމުގައި ހޭދަކުރެވުނު ދުވަސްތަކެއްގެގޮތުގައެވެ. ސްކޫލުން ގެއަށް އަންނަ ގޮތަށް ހުރިހާ ކަމެއް ހުއްޓާލާފައި އެންމެން އެކީގައި ބައްޕައާއެކު މިސްކިތަށް ދާ ހަނދާން އެއީ ވަރަށް ޚާއްޞަ ކަމެއްގެގޮތުގައި ނާހިދު ފާހަގަކުރެއެވެ.
“އެންމެ މިސްވަނީ އެކަންތައް. މިހާރު އެކަނި އުޅޭތީ ސުފުރާމަތި ހަމަވަރަށް ފަޅުވާނެ” ކުޑައިރުގެ އާއިލީ ގުޅުންތަކުގެ އުފާވެރި ހަނދާނާއި މިހާރު ވަކިން އެކަނި އުޅެން ޖެހޭ ދުވަސްތަކަކީ ރޯދަ މަހަށް ބަލާއިރު ނާހިދު އަށް އެންމެ ތަފާތުވާ ކަންތަކެވެ.
ރޯދަމަހު ކެއުމަށް އެންމެ މީރު އެއްޗެއް އަދި އެ ތައްޔާރު ކުރާނެ ގޮތް:
ރޯދަމަހު ކެއުމަށް އެންމެ ޚާއްޞަ އެއްޗެއްގެ ގޮތުގައި ނާހިދު ކިޔައި މިދެނީ ދިވެހިވަންތަގޮތަކަށް ޓިރަަމިސޫ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
3 ޖޯޑު ނެސްލޭކްރީމް
ލޭޑީސް ފިންގަރ ބިސްކޯދު
250ގ މަސްކަޕޯން ޗީޒް
2 ޖޯޑު ވިޕިން ކްރީމް
ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ހުންނަ ވަރަށް ހަކުރު
ވެނީލާ އެސެންސް
ކޮފީ
ތަައްޔާރުކުރާނެ ގޮތް:
ޗީޒް އާއި ނެސްލޭކްރީމް އަދި ވިޕިންކްރީމް އާއި ހަކުރު ރަނގަޅަށް މިކްސްކޮށްލާނީ. އޭގެފަހުގައި ކޮފީ ގިރާލުމަށް ފަހު އޭގެއެތެރެއަށް ބިސްކޯދު އަޅައި ފޯ ކޮށްލުމަށްފަހު ޓްރޭ އެއްގައި އަތުރާލާނީ. އަދި އޭގެ މައްޗަށް ގިރާފައިހުރި ބައިން އެޅުމަށް ފަހު އަނެއްކާ އަނެއް ލޭޔަރ އެގޮތަށް އަޅާނީ.
ތައްޔާރުކޮށް ނިމުމުން 4 ގަޑިއިރަށް އައިސް އަލަމާރީގައި ބަހައްޓައި ފިނިކޮށްލުމަށްފަހު ސަރވް ކުރުމުގެ ކުރިން މައްޗަށް ކޮފީ ކޮޅެއް އަޅާލާނީ.
ތިރީގައި މިވަނީ މި ރޯދަމަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ތައްޔާރު ކުރާ “ކޮމިޔުނިޓީ ލީޑަރުންނާއެކު މަގޭރޯދަމަސް” މި ސިލްސިލާގައި ނާހިދު ގެ އިންޓަވިއު ގެ ލިންކެވެ.