English Edition
Dhivehi Edition

“އެކި ކަހަލަ ޓްރެއިނިންގ ތަކުގައި ބައިވެރިވެވިއްޖެ, އެކަމަކު މަގޭ ރަށް އެކެޑެމީ ވަރަށް ހާއްސަ. އެއީ ކުރިއަށް ދާނެ ވަރަށް ގިނަ ދޮރުތައް ހުޅުވައިދިން ޕްރޮގްރޭމެއް, އެކި ދާއިރާތަކުގެ އެކި ފަންނުގެ މީހުންނާއި ގުޅުވާލަދިން ޕްލެޓްފޯމެއް. ޒުވާނުންނަށް ހާއްސަ, ޒުވާނުންގެ ކުރިއެރުމަށް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެން ކުރިއަށް ގެންދިޔަ ވަރަށް މަޖާ, އުފާވެރި އަދި އެހާމެ ގިނަ އެއްޗެހި ދަސްވި ޕްރޮގްރާމެއް.” އައްޑޫ ސިޓީގައި 2023 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަގޭ ރަށް އެކެޑެމީގެ އެންމެ ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވި ފުވައްމުލަކުގެ ޒުވާނެއް ކަމުގައިވާ ޝަޒްނާ އަހުމަދް (ޝަޒޫ) ކިޔައިދިނެވެ.

ޕްރޮގްރާމާއި ބެހޭ ގޮތުން ވަރަށް އަވަދި ނެތި މަސައްކަތުގައި ޝާމިލުވެ އުޅުނު ޝަޒޫ އާއި ސުވާލުކޮށްލުމުން ޝަޒޫގެ މޫނު މައްޗަށް އައި ބަދަލުތަކުތަކުންނާއި, ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދެއްކި ޖޯޝު ފެނިފައި އަސްލުވެސް ޕްރޮގްރާމުގެ ހާއްސަކަމާއި ފުރިހަމަކަން އަޅުގަނޑަށް ކޮންމެވެސް ސިފައެއްގައި ވަޒަން ކުރެވިގެން ދިޔައެވެ. ޝަޒޫގެ ތަޖުރިބާ އިހަށް އެއްފަރާތް ކޮށްލުމަށްފަހު ފުވައްމުލަކުގެ ޒުވާނުންނަށް އެތަޖުރިބާ ކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

މަގޭ ރަށް އެކެޑެމީ އަކީ ކޮބާ؟

މަގޭ ރަށް އެކެޑެމީ އަކީ ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމަށްވާ އިންޓާރނޭޝަނަލް ރިޕަބްލިކަން އިންސްޓިއުޓް (އައި. އާރް. އައި)ގެ ފަރާތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ދެކުނުގެ އަތޮޅުތަކުގެ އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދު ޒުވާނުން ކުރިއެރުމަށް އެކި މައުލޫމާތު ދިނުމާއި، އިޖުތިމާއީ ޕްރޮޖެކްޓު ހިންގުންފަދަ ފުރުސަތުތައް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ލީޑަރޝިޕް ޕްރޮގްރާމެކެވެ.

ފުވައްމުލަކުގެ ޒުވާނުންނަށް މިއޮތް ފުރުސަތަކީ ކޮބާ؟

ފުވައްމުލައް ސިޓީގެ 18 އަހަރާއި 29 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ މަގޭ ރަށް އެކެޑެމީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 9 އިން 11 އަށެވެ. އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖު ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހެވެ. ޖުމްލަ 20 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ނިންމާ ކޮންމެ ބައިވެރިއަކަށްވެސް ނިންމިކަމުގެ ހަނދާނީ ލިޔުމެއް ލިބޭގޮތަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުގެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން އަދި ޖުލައި މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމު އަދި މަގޭ ރަށް އެކެޑެމީއާއި ގުޅޭ އިތުރު މައުލޫމާތު މަގޭ ރަށް އެކެޑެމީގެ އިންސްޓަގްރާމް އެކައުންޓުން ލިބެން ހުންނާނެއެވެ.

ޕްރޮގްރާމް ކުރިއަށް ގެންދެވެނީ ކިހިނެއް؟

މިޕްރޮގްރާމުގައި އަލިއަޅުވާލާ ކަންކަމުގެ ތެރޭގައ މުޖުތަމައުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި، ލީޑަރޝިޕް ތަމްރީނުތަކާއި، ޒުވާނުން ސިޔާސީ އަދި އިޖުތިމާއީ ކަންކަމަށް އަހުލުވެރިކޮށް މުޖުތަމައުގެ ކަންކަން ނިންމުމުގައި ބައިވެރިވުމަށް ކުރެވޭނެ ކަންކަމާއި، މުޖުތަމައުގައި ހުންނަ މައްސަލަތަކާމެދު ވިސްނައި އެކަންކަން ހައްލުކުރުމުގައި ޒުވާނުންގެ ދައުރު އަދި މުޖުތަމައުގެ ޒިންމާދާރު ފަރާތްތަކުގެ ދައުރާއި އަދި އެ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ހިމެނެއެވެ.

ބައިވެރިވުމުން ހުޅުވިގެންދާ ފަހި ފުރުސަތުތަކަކީ ކޮބާ؟

މި ޕްރޮގްރާމުގެ ދަށުން އިޖުތިމާއީ ޕްރޮޖެކްޓުތައް ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތަށް ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވާލެވޭ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް އައި.އާރް.އައި އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެއެ މީގެ އިތުރުން މަގޭ ރަށް އެކަޑެމީގައި ބައިވެރިވާ ފަރާތްތަކަށް ‘ޖެނެރޭޝަން ޑިމޮކްރަސީ ނެޓްވޯކް’ ނަމަކަށް ކިޔާ އައި.އާރް.އައިގެ ޒުވާނުންނަށް ހާއްސަ ނެޓްވޯރކުގެ މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ނެޓްވޯރކްއަކީ ދުނިޔޭގެ އެކި އެކި ގައުމުތަކުން އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި އިސްވެ މަސައްކަތް ކުރަމުންދާ ނަމޫނާ ޒުވާނުން ހިމެނިގެން އުފެދިފައިވާ ގުރޫޕެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޕޮލޭންޑްގައި ބޭއްވުނު ޖެނެރޭޝަން ޑިމޮކްރަސީގެ 7 ވަނަ ބައިނަލް އަގުވާމީ ސަމިޓުގައި ބައިވެރިވި އަރުޖޫން އަދި ޝަޒްނާ

އައި.އާރް.އައިގެ މަގްސަދަކީ މިފަދަ ފުރުސަތުތައް ވީހާވެސް ގިނަ ޒުވާނުންނަކަށް ހުޅުވާލައި، މުޖުތަމައުގައި ޒުވާނުންގެ މައުނަވީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން ނިމިގެންގޮސްފައިވާ މަގޭ ރަށް އެކެޑަމީ ޕްރޮގްރާމުތަކުގެ ތެރެއިން ފުރަތަމަ ބުރު ގެންގޮސްފައިވަނީ އައްޑޫ، ފުވައްމުލައް، ހުވަދު އަތޮޅު ދެކުނުބުރި އަދި ހުވަދު އަތޮޅުގެ އުތުރުބުރިއަށް ހާއްސަކޮށްގެންނެވެ. އަދި ދެވަނަ ބުރު ގެންގޮސްފައިވަނީ ލާމު އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ. އެގޮތުން ފުރަތަމަ ބުރު ބޭއްވުނު މަގޭ ރަށް އެކަޑެމީގެ ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ޕޮލޭންޑްގައި ބޭއްވުނު 29 ގައުމަކުން ބައިވެރިވި ޖެނެރޭޝަން ޑިމޮކްރަސީގެ 7 ވަނަ ބައިނަލް އަގުވާމީ ސަމިޓުގައި ބައިވެރިވެފައެވެ. މިލިޔުމުގައި ޕްރޮގްރާމާއި ބެހޭގޮތުން ޝުއޫރު ފާޅުކޮށްފައި އެވާ ޝަޒޫ އަކީ މި ދެ ބައިވެރިންގެ ތެރެއިން އެކެކެވެ. ޝަޒޫގެ ދަތުރުވެސް ފެށުނީ ހަމަ މިފަދަ މަގޭ ރަށް އެކެޑެމީގެ ފުރަތަމަ ބުރަކުންނެވެ. ފަހަރުގައި މިފަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމަކީ ތިޔަ ޒުވާނާގެ ކުރިމަގު ބިނާ ކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައިވެދާނެއެވެ. ލަސްނުކޮށް 21 މާރިޗް 2024 ގެ ކުރިން ބައިވެރިވުމަށް ފުރަންޖެހޭ ފޯމު ފުރާ ތައްޔާރުވާށެވެ.