English Edition
Dhivehi Edition
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި ރައީސް މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސަރުކާރުން އުފެއްދި އޮމްބަޑްސްޕާސަން ނުވަތަ އިންތިގާލީ އިންސާފުގެ އޮފީހުން ގާނޫނާ އެއްގޮތަށް މަސައްކަތްކޮށްފައިނުވާ ކަމަށާއި އެ އޮފީހުން ނިންމި މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލައި، މަދަނީ ބަދަލު ލިބެން ޖެހޭ ކަމަށް ނިންމާފައި އޮތް ޖުމްލަ 30 މައްސަލައެއް ހިމެނޭ ރިޕޯޓެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ރިޕޯޓް ހުށަހަޅާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. މި އެފަދަ މައްސަލަތަކުގައި ކޯޓު މެދުވެެރިކޮށް މަދަނީ ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރަން ޖެހެނީ އޭޖީ އޮފީހުންކަން ފާހަގަކޮށް އުޝާމް ވިދާޅުވީ މި ލިސްޓުގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން ކޭސް ނަންބަރު ފިޔަވައި އިތުރު އެއްވެސް ލިޔެކިޔުމެއް އޮމްބަޑްސްޕާސަން އޮފީހުން، އޭޖީ އޮފީހާ ހިއްސާކޮށްފައި ނުވާކަމަށެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ 17 ނޮވެމްބަރ 2023 ވަނަ ދުވަހު އޮމްބަޑްސްޕާސަން އޮފީހުގެ މަސައްކަތް ނިމުމަކަށް އައުމުން ދައުލަތުގެ މުއައްސަސާތައް އުވިގެން ދިޔުމުން އަމަލުކުރާ އުސޫލުން އެ އޮފީހުގެ ހުރިހާ މުދާތަކާއި ލިޔުންތަކެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އަދި އޭޖީ އޮފީހުން، ނިމިފައިވާ 30 މައްސަލަ ހިމެނޭހެން ހުރިހާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދުުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން އޮމްބަޑްސްޕާސަން އޮފީހުން ބޭނުންކުރަމުން ދިޔަ ސާވާ ހިއްސާކޮށްފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.

އެ ސާވާ ބެލި ބެލުމުން އެއްވެސް ވަަރަކަށް ތަރުތީބަކުން ފަރުވާތެރިކަމާއެކު ލިޔެކިޔުންތައް ބަހައްޓާފައި ނުވާކަން ފާހަގަކޮށް އުޝާމް ވިދާޅުވީ އެކަމުގެ ސަބަބުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މަދަނީ ބަދަލު ލިބެންޖެހޭ ކަމަށް ނިންމާފައިވާ 30 މައްސަލައިގެ ލިޔެކިޔުން ހޯދުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން ހުށަހަޅާފައިވާ ވަރަށް ސީރިއަސް މައްސަލަތަކެއްކަން ފާހަގަކޮށް އުޝާމު ވިދާޅުވީ އެއޮމްބަޑްސްޕާސަން އޮފީހުން ގާނޫނާ އެއްގޮތަށް މަސައްކަތް ނުކޮށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.