ނޭފަތުގައި ނަގާބިއްސަކީ އާންމުކޮށް އޭގެ ސައިޒުން ބޮޑު ބިއްސެކެވެ. އެބިހިތަކުގައި ރިއްސާނެއެވެ. ރިއްސަން ފެށުމުން އެންމެ އަވަހަށް ކުރެވޭ ކަމަކީ ފިއްތައިލުމެވެ. ބޭނުމަކީ އަވަހަށް ރަނގަޅު ކުރުމެވެ. އެހެންނަމަވެސް އެގޮތަށް ފިއްތާލުމުން ލަކުނުލައެވެ. އަދި ރަނގަޅުވުމަށް އާންމުކޮށް ހަފްތާއެއްހާ ދުވަސް ހޭދަވެއެވެ. ނޭފަތުގައި ބިއްސެއް ނެގުމުން މީހުންގެ ލޮލުގައި އަޅައިފާނެތީ ލަދުން އުޅޭމީހުން މަދެއްނޫނެވެ. ތިރީގައި މިވަނީ ނޭފަތުގައި ނަގާ ބޮޑެތި ބިހިތައް ނައްތާލެވޭނެ ފަސް ގޮތެކެވެ.
ލުނބޯ ހުތުން ކަފަކޮޅެއް ތެންމާލާށެވެ. އެއަށްފަހު ފަނަރަ މިނިޓް ވަންދެން ނޭފަތް މަތީ ބައްވާލާށެވެ. ފަނަރަމިނިޓް ހަމަވީމައި އެނަގައި ތާފަނާ ފެންފޮދަކުން ނޭފަތް ދޮވެލާށެވެ. ކޮންމެ ދުވަހަކު ދެފަހަރު މިފަރުވާ ދިނުން ރަނގަޅެވެ. ލުނބޮއަކީ ވަރަށް ގަދަޔަށް އެސިޑް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ބިހި މަރުވެ އަވަހަށްނެތިގެން ހިނގައިދެއެވެ. މިގޮތަށް ލުނބޯ ހޭކުމަށްފަހު ނުދޮވެ އަތްވަށް ނިކުތުން ރަނގަޅެއް ނުވާނެއެވެ.
އައިސްކިއުބް ފޮތިކޮޅަކަށްލައި އޮޅައިލާށެވެ. އެއަށްފަހު، ނޭފަތުގައި ނަގާފައިވާ ބިހިތަކުގައި އެއިން ފިއްތާލާށެވެ. މިގޮތަށް ފިއްތާނީ ވިހި މިނިޓް ވަންދެނެވެ. މިގޮތަށް ބިހި ރަނގަޅުވަންދެން ކޮންމެދުވަހަކު ދެފަހަރު ނުވަތަ ތިންފަހަރު ތަކުރާރުކޮށްލާށެވެ. އައިސް ކިއުބް އެޅުމުން ދުޅަތިރިވެ އިންފެކްޓްވުން ކުޑަކޮށްދޭނެއެވެ.
ނޭފަތުގައި ނަގައިފައިވާ ބިހީގައި ޓީޓްރީ އޮއިލް އުނގުޅާށެވެ. އެއަށްފަހު ދިހަ މިނިޓް ވަންދެން ބަހައްޓާލާށެވެ. ދުވާލަކު ދެފަހަރު ނުވަތަ ތިންފަހަރު ޓީޓްރީ އޮއިލް އުނގުޅިދާނެއެވެ. ޓީޓްރީ އޮއިލްގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ބިހިތައް ރަނގަޅުވެ، ލަކުނުފިލުވައިދެއެވެ.
ނޭފަތުގައި ނަގައިފައިވާ ބިހީގައި އެޕަލް ސިޑަރ ވިނިގަރ އުނގުޅާލާށެވެ. އެއަށްފަހު ހިކެންދެން ފަނަރަވަރަކަށް މިނިޓް ބަހައްޓާށެވެ. އެޕަލް ސިޑަރ ވިނިގަރ ހޭކުމުން ބިހިތައް ރަނގަޅުވެ ހަމުގެ ޕީއެޗް ބެލެންސް ކޮށްދޭނެއެވެ.
ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން، ދަތްއުނގުޅާބޭސް ބިހީގައި ހާކައިލާށެވެ. އަނެއްދުވަހު ހެނދުނު ތެދުވެ ދޮވެލާށެވެ. ބިހި އެއްކޮށް ރަނގަޅުވަންދެން މިގޮތަށް ތަކުރާރުކޮށްލުން ރަނގަޅެވެ. ދަތްއުނގުޅާ ބޭހުގައި ހުންނަ އެންޓި މައިކްރޯބިއަލް އަދި އެސެންޝިއަލް އޮއިލްގެ ސަބަބުން ބިހި ކުޑަވެ އަވަހަށް ރަނގަޅުވެއެވެ. މިގޮތަށް ބޭނުން ކޮށްލަން އެންމެ ރަނގަޅީ ޖެލް ގޮތަށް ހުންނަ ބޭހަށްވުރެން ހުދު ކުލައިގެ ބޭހެވެ.