English Edition
Dhivehi Edition
ރައީސް އޮފީސް

ކުރިންވެސް ހަމަޖައްސަވައިފައިވާގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައި، 6 މާޗް 2022 ގައި އެކަމާބެހޭ ދެންނެވުމެއް ނެރުއްވާފައިވާކަމަށެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި އެ އޮފީހުން ވަނީ ބުނެފައެވެ. އަދި ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާއިރު މީގެ ކުރިން އެ މަނިކުފާނުވަނީ މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ވާނީ ވެސް ދީނީ އަޅުކަންތައް ކުރުމަށް މަގުފަހިވާ ގޮތަށްކަމަށް ވިދާޅުވެފައެވެ.