English Edition
Dhivehi Edition

ޕެނަޑޯލްގެ ކޮލިޓީ ކަށަވަރުކޮށް، ޕެނަޑޯލް ވިއްކުމާ، ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

މި ދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން، އެމްއެފްޑީއޭ އިން ވަނީ އެ އިދާރާއިން ތަހުލީލު ނިމެންދެން ޕެނެޑޯލް ބޭނުން ނުކުރުމަށް އަންގާފައެވެ. ޕަނަޑޯލްގެ ސާމްޕަލެއް މާކެޓުން ނަގަން އަންގާފައިވަނީ އެ ބޭސް ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައި ވާކަން ފާހަގަ ކުރެވުމުންނެވެ.

ޕެނަޑޯލް 500 މިލިގްރާމް ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވުމުން، އެމްއެފްޑީއޭގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ކުރި ލެބޯޓްރީ ތަހުލީލުތަކުގެ ނަތީޖާތައް ލިބިފައިވާއިރު އެ އެތޯރިޓީއިިން ވަނީ ތަހުލީލި ރިޕޯޓްތަކުން ދައްކާ ގޮތުން ޕެނަޑޯލް ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންޓް ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ އެ ބޭހުން ފާހަގަވި މައްސަލަ ދިމާވެފައި ވަނީ ބޭސް އުފުލާ ގެންގުޅުމާ، ގުދަން ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުންކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ މައްސަލަ ފާހަގަ ކުރެވުނު ބެޗު މިހާރު މާކެޓުގައި ނެތްކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީއން ބުނެއެވެ. އެހެންކަމުން މިއަދުން ފެށިގެން މި ބޭސް ވިއްކުމާ، ބޭނުން ކުރުމުގެ ހުއްދަ ކުރިއެކޭ ވެސް އެއްގޮތަށް ދީފައިވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.