English Edition
Dhivehi Edition

އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ ގަޔަށް ބަޑި ޖަހައި މަރަން ޖެހޭކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިޓަމާ ބެން ގްވީރު ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް ގަދަކަމުން އަރައިގަނެގެން ޣައްޒާގެ ކުށެއް ނެތް އާންމު ރައްޔިތުނާއި ދެކޮޅަށް ޤަތުލުއާންމުތައް ހިންގަމުން ގެންދާ އިސްރާއީލުގެ ޔަހޫދީ ލަސްކަރަށް އެގައުމުގެ ދިފާއީ ވަޒީރު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން އޮންނަށް ބޭނުން ނަމަ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ބަޑިޖަހައި މަރަން ޖެހޭކަމަށާއި އެނޫން ގޮތަކަށް އިސްރާއީލަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭނޭ ކަމަށެވެ.

ކުރިއަށް އޮތީ އަދިވެސް އިސްރާއީލަށް ނާމާން ބިރުވެރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތައް އަމާން ކުރުމަށް މިހާރު އަސްކަރިއްޔާއިން ކުރަމުން ގެންދާ މަސައްކަތް އިތުރުކުރަން ޖެހޭ ކަމަށް އިޓަމާ ބެން ގްވީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން މަރައި ހުސްކުރުން ކަމަށާއި އެހެން ނޫނީ އަނެއްކާވެސް އިތުރު އޮކްޓޫބަރ ހަތެއް އަތުވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

” ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަ ކުރަން ޖެހޭ< އެގޮތުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެތާގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިން ގަޔަށް ބަޑިޖަހައި މެރާ ހުސްކުރުން. އެނޫން ގޮތަކަށް އަމާންކަމެއް ނެތް. އެހެން ނޫނީ އަނެއްކާވެސް އިތުރު އޮކްޓޫބަރު ހަތެއް އަންނާނެ.” އިޓަމާ ބެން ގްވީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އިސްރާއީލު ހަމާސް ގެ ހަނގުރާމައަށް މިހާރު 86 ދުވަސް ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 28،064 ޝަހީދުވެ، 67،611 މީހުން ޒަޚަމް ވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.