English Edition
Dhivehi Edition
ސާޖިދާ

އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނުވަ ވަނަ ‘އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ’ގެ ބައްދަލުވުމުގައި ދެއްވި ވީޑިއޯ މެސެޖުގައި ސާޖިދާ ވިދާޅުވީ ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދާ ކަމުގައެވެ.

މީގެ އިތުރުން، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން، ހަމަހަމަ ފުރުސަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެކަމަނާ ވިދާޅުވިއެވެ،

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު (ނަންބަރު: A/RES/70/212) ގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުސަތެއްވެސް މެއެވެ.