ސިޔާސީ އިސް މަގާމުތަކަށް ދެން އިތުރަށް މީހުން އައްޔަން ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދަައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަ އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގަން ނިންމަވާފައިވާކަމަށެވެ. މިއީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ މުސްތަޤްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާކަމަށެވެ.