English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އިރާން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުން އިރާން ޖާގަ ހޯދީ މިއަދު ކުޅެވުނު ކުއާޓާ ފައިނަލް މެޗުގައި 1-2 އިން ޖަޕާނު ބަލިކޮށްގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޖަޕާނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕޯޓިން ލިސްބަންގެ މިޑްފީލްޑަރު ހިޑެމާސާ މޮރިޓާ އެވެ. ޖަޕާނުން މެޗުގެ ލީޑުނެގި މި ލަނޑަށް ފަހު އިރާނުންވެސް ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްކެއް ކުރިއެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކޮށްލަން އިރާނަށް ރަނގަޅު ފުރުސަތުތަކެއްވެސް ލިބުނެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ނުހިފުނެވެ. ހަމަ އެގޮތަށް ޖަޕާނަށް ވެސް ވަނީ މި ހާފުގައި ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އެއް ލަނޑުގެ ލީޑަކާއި އެކު ޖަޕާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އީރާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ފޯވާޑް ސަރުދާރު އަޒުމޫން ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު މޮހެބީ އެވެ.

މި ލަނޑަށް ފަހުވެސް ވަރުގަދަކޮށް ކުޅެމުން ދިޔަ އީރާނުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ގޯލުގެ ކަނަށް ވައްދާލައިގެން މިލަނޑު އީރާނަށް ކާމިޔާބުކޮށްދީ ފޯވާޑް އަލީރެޒާ ޖަހަންބަޚްޝް އެވެ. މި ޕެނަލްޓީ އަކީ ޖަޕާނުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އިރާނުގެ ކުޅުންތެރިއަކަށް ޖަޕާން ގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

މުބާރާތުގެ ސެމީފައިނަލްގައި އީރާން ބައްދަލުކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ގަތަރާއި އުޒްބެކިސްތާން ވާދަކުރަ މެޗުން މޮޅުވާ ޓީމަކާއެވެ.