English Edition
Dhivehi Edition

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިވަނީ ދާދި ގާތުގައެވެ. ދެން އޮތީ އެންމެ ހަމެއްހައި ދުވަހެވެ. އެހެން ކަމުން ޝަރުޢީ އުޒުރުކާހުރެ މިދިޔަ އަހަރުގެ ރަމަޟާން މަހުން ރޯދައެއް ދޫވެފައިވާނަމަ އެރޯދަ ޤަޟާކުރުމަށް އަވަސްވެގަންނަޖެހެއެވެ.

ބަލިހާލަތުގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލުމަށްފަހު، އަހަރުގެ އެހެން ދުވަސްތަކެއްގައި އެރޯދަ ހިފައި ފުރިހަމަ ކުރަންޖެހޭކަން ކީރިތި ޤުރްއާނާ ސުންނަތުން ސާބިތުވެއެވެ.

އެހެން ކަމުން ރަމަޟާންމަހު ދޫވެފައިވާ ރޯދަތައް ލަސްނުކޮށް ހިފާ ފުރިހަމަ ކުރަންޖެހެއެވެ. ފާއިތުވެދިޔަ އަހަރުގެ ރަމަޟާންމަހު ގެއްލިފައިވާ ރޯދަ، ދެން ޖެހިގެން އަންނަ އަހަރުގެ ރަމަޟާންމަސް އައުމުގެ ކުރިން ހިފަންޖެހޭނެކަމުގެ މައްޗަށް އުއްމަތުގެ ދަންނަބޭކަލުން އިއްތިފާޤުވެލައްވައެވެ.

މިކަމުގެ ދަލީލަކީ ޢާއިޝާ رضي الله عنها ގެ އަންނަނިވި ބަސްފުޅެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. “كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ ، وَذَلِكَ لِمَكَانِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم” (رواه البخاري ومسلم) މާނައީ:(ޢާއިޝާތުގެފާނު ވިދާޅުވިއެވެ.) “ރަމަޟާންމަހުގެ ގެއްލިފައިވާ ރޯދަތައް ތިމަންކަމަނާގެ މައްޗަށްވެއެވެ. އެރޯދަތައް ތިމަންކަމަނާއަށް ހިފޭވަރުވަނީ ޝަޢުބާނު މަހުގައެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ މަކާނަތައްޓަކައެވެ.” (އެބަހީ: ރަސޫލު ﷲ صلى الله عليه وسلم ގެ ޚިދުމަތުގައި ހުންނެވުމަށް އިސްކަންދެއްވާތީ، ރަމަޟާންމަހުން ނުހިފި ހުންނަ ރޯދަތައް އެކަމަނާ ޝަޢުބާނު މަހާއި ހަމައަށްވެސް ނުހިފި ލަސްކުރައްވާކަމެވެ. ނަމަވެސް އެންމެ ލަސްވެގެން ޝަޢުބާން މަހުގެ ތެރޭގައި އެ ރޯދަތައް ހިފައި ފުރިހަމަ ކުރައްވާ ކަމެވެ.)

އަލްޙާފިޡު އިބްނު ހަޖަރު رحمه الله ވިދާޅުވެފައިވެއެވެ. ޢާއިޝާ رضي الله عنه ގެ މިބަސްފުޅާމެދު ވިސްނައިލުމުން އެނގޭ ގޮތުގައި، ގެއްލިފައިވާ ރޯދަތައް ޝަޢުބާން މަސްތެރޭގައި ހިއްޕެވުމަށް އެކަނަމާ ސަމާލުކަން ދެއްވުމުން، ދޭހަވަނީ އަނެއް ރަމަޟާން މަސް އައުމުގެ ކުރީން ނުހިފި ހުރި ރޯދަތައް ޤަޟާކޮށް ނިންމަން ޖެހޭ ކަމާއި، އެއަށްވުރެން ލަސްކުރުން ހުއްދަވެގެން ނުވާކަމެވެ.”

އަނެއް ރޯދަމަސް އައި އިރުވެސް، ކުރީ އަހަރުގެ ރަމަޟާންމަހުން ދޫވެފައިވާ ރޯދަތައް ޤަޟާ ނުކޮށްވާނަމަ، މި ޙާލަތުގައި ދެބައެއްވެއެވެ. އެބަޔަކީ، ޢުޒުރަކާ ހުރެ ރޯދަ ޤަޟާ ނުކުރެވި ލަސްވުމެވެ. އޭގެ މިސާލަކީ ފާއިތުވި ރަމަޟާންމަހުން ފެށިގެން ބަލިވެ އުޅޭ މީހަކު، އަނެއް ރަމަޟާންމަސް އައި އިރުވެސް އެ ބަލި ފަސޭހަ ނުވާތީ ރޯދަ ހިފޭ ގޮތް ނުވުމެވެ. މިފަދަ ޙާލަތެއްގައިވާ މީހާ، ރޯދަ ޤަޟާ ނުކޮށް ހުއްޓާ އަނެއް ރަމަޟާންމަހާ ބައްދަލުވުމަކުން އޭނާއަށް ފާފައެއް ނެތެވެ. އޭނާގެ މައްޗަށް އޮތީ ކުރީ އަހަރުގެ ރަމަޟާންމަހު ނުހިފައިވާ ރޯދަ، ބަލި ފަސޭހަވުމުން ޤަޟާކުރުން އެކަންނެވެ. އިތުރު ކައްފާރާއެއް ނުވަތަ މިސްކީނަކަށް ކާންދިނުންފަދަ ކަމެއް ކުރާކަން ނުހޭނެއެވެ.

ދެވަނަ ބަޔަކީ، އެއްވެސް އުޒުރެއްނެތި، އަނެއް ރަމަޟާންމަސް އައި އިރުވެސް ކުރީ އަހަރު ދޫވަފައިވާ ރޯދަތައް ޤަޟާ ނުކޮށް ހުރި މީހާއެވެ. މި ޙާލަތުގައި އޭނާ ރޯދަ ޤަޟާ ނުކޮށް ހުރުމަކީ ފާފަވެރިވާނޭ ކަމެކެވެ. އޭނާއަށްވެސް އޮތީ ކުރީ އަހަރު ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރުމެވެ. އެއާއެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭންޖެހޭނޭ ކަމުގައި ފިޤުހު ޢިލްމުވެރިންގެ ތެރެއިން މާލިކީ މަޒުހަބާއި، ޝަފިޢީ މަޒުހަބާ ޙަންބަލީ މަޒުހަބުގެ ބޭކަލުން ކަނޑައަޅުއްވައެވެ. އެއީ ބައެއް ޞަޙާބީން އެފަދައިން ޢަމަލުކުރައްވާފައި ވާތީއެވެ.

ނަމަވެސް ޞާޙާބީން އެފަދައިން ޢަމަލު ކުރެއްވާފައި ވާކަށް ހުރި ބަސްފުޅުތައް ޞައްޙަ ނޫންކަމަށާއި، އުޒުރަކާހުރެ ނުވަތަ އުޒުރެއްނެތި ނަމަވެސް ރޯދަ ނުހިފައި ލަސްކޮށްލި މީހަކަށް އޮތީ، އޭނާގެ ގެއްލިފައިވާ ރޯދަތަށް ޤަޟާ ކުރުން އެކަނި ކަމުގައި، އަލްއިމާމުލް ބުޚާރީ رحمه الله އާއި އެނޫން ބޭކަލުންވެސް ދެކެލައްވައެވެ.

ފަހުގެ ދަންނަބޭކަލުންގެ ތެރެއިން އިބްނު ޢުޘައިމީން رحمه الله ވެސް ދެކެލައްވަނީ، އުޒުރެއް ނެތި ރޯދަ ޤަޟާ ނުކޮށް ހުރި މީހާ، ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރުން ފިޔަވައި އެހެން ކައްފާރާއެއް ނުވާކަމުގައެވެ. ރޯދައިގެ ޙުކުމްތައް ބަޔާންކުރައްވާފައިވާ ކީރިތި ޤުރްއާންގެ އާޔަތުގައިވެސް އަންގަވާފައިވަނީ އެފަދައިންނެވެ.

ނަމަވެސް މީގައި ސަމާލުވާޖެހޭ ކަމަކީ، ގެއްލިފައިވާ ރޯދަތައް އުޒުރެއްނެތި ނުހިފައި ލަސްކޮށްލުމަކީ ފާފަވެރިވާނޭ ކަމެއް ކަމެވެ. ވީމާ، ފަރުޟު އަޅުކަންތައް ލަސްނުކޮށް ފުރިހަމަ ކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

ނޯޓް: މި ލިޔުމަށް މަޢުލޫމާތް ނަގާފައިވަނީ ޝައިޚް ހަސަން މޫސާ ފިކުރީ ރޯދަ ޤަޟާކުރުމާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ